ދިވެހި ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނުގެ ރޫހާއި ގައުމީ ވަހުދަތު އާލާ ކުރުމަށް "ތަރިކަ" ނަމުގައި މަޝްރޫއުއެއް ސަރުކާރުން އިފްތިތާހުކޮށްފިއެވެ.
ރައީސުލް ޖުމުހޫރިއްޔާ ބައިވެރިވި މިހަފްލާގައި ދަރުބާރުގޭގައި ހޯމް މިނިސްޓަރާއި ސަރުކާރުގެ އިތުރު އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރޭގެ ހަފްލާގައި މިމަޝްރޫއުގެ ލޯގޯއާއި ޝިޢާރު، "ދީނާއި ޤައުމިއްޔަތު: ދިވެހިންގެ ނާރެސް" ވަނީ އިފްތިތާހުކޮށްފައެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ޔާމީންވަނީ އިސްލާމް ދީނާއި ދިވެހި ޤައުމިއްޔަތު ޒުވާނުންގެ މެދުގައި އާލާކުރުމަށް މަޝްރޫއުއެއް މިއަހަރު ތެރޭ ފައްޓަވާނެ ކަމަށެވެ. "ތަރިކަ" އިފްތިތާހުވުމާއެކު ސަރުކާރުގެ ވުޒާރާތަކުގައި ދީނީ އަދި ގައުމީ ރޫހު އާލާކުރުމަށް އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރެވޭނެއެވެ.
ރޭގެ ހަފްލާގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު، އަޒްލީން އަހުމަދު ވިދާޅުވެފައިވަނީ ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ވެރިކަމުގައި މިރާއްޖޭގެ ދީނީ ވަހުދަތު ރައްކާތެރިކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައެވެ. އަދި ދީނުގެ އަދުއްވުން ދައްކާ ކޮންމެ ކޮންމެ ވާހަކައަކަށް ދިވެހިން ނުހެއްލުމަށް މިނިސްޓަރު ވަނީ ގޮވާލާފައެވެ.
ރާއްޖޭގައި ދީނީގޮތުން އޮޅުންއަރާ ކަންތައް އޮޅުންފިލުވުމުގެ މަގު ތަނަވަސްވެފައިވާ ކަމަށާއި އެފަދަ ވަސީލަތްތައް ވަރުގަދަވެފައިވަނީ މިސަރުކާރުގައި ކަމަށް އަޒްލީން ވިދާޅުވެފައިވެއެވެ.