ދުބާއީއާއި އިންޑިއާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި 29 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތަކާއި މެދު ޝައްކުކުރެވިގެން ކަސްޓަމްސްއިން އޭނާ ބަލާ ފާސްކުރިއިރު އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެއެވެ. ފެނުނު މަސްތުވާތަކެތީގެ ތެރޭގައި 506 ގްރާމުގައި ހަޝިޝް އޮއިލް ހުރި ޕެކެޓަކާއި 162 ގުރާމު ހުރި ހެރޮއިން އަޅާފައިހުރި ހަ ބުލެޓް ވަނީ އަތުލައިގެންފައެވެ.
މީގެ އިތުރުން މިދިޔަ ހުކުރު ދުވަހު ދުބާއީއިން ރާއްޖެއައި 32 އަހަރުގެ ދިވެއްސަކާއި ބެހޭގޮތުން ލިބުނު މައުލޫމާތެއްގެ ސަބަބުން އެއާޕޯޓް ޕެސެންޖަރ ކްލިއަރެންސް އޮފިސަރުން އޭނާގެ ލަގެޖް ފާސްކޮށް ބެލިއިރު ވަނީ 783 ގުރާމުގެ ހެރޮއިންވަނީ ހޯދާފައެވެ.
މިދެމީހުން ދެގައުމަކުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 1.5 ކިލޯ ހުއްޓެވެ. ކަސްޓަމްސް އިން ވަނީ މިދެމީހުންނާއި އަތުލާފައިވާ މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައެވެ.
ފުލުހުން ވަނީ ދާދި ފަހުންވެސް އެކިއެކި މީހުންގެ އަތުން އަތުލާފައިވާ ހިކި މަސްތުވާތަކެތި ނައްތާލާފައެވެ.