އެމެރިކާގެ 45 ވަނަ ރައީސް، ޑޮނަލްޑް ޓްރަމްޕް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މުސްލިމް ބައެއް ގައުމުތަކުގެ ރައްޔިތުން ގައުމަށް ނުވެއްދުމަށް ނިންމި ސިޔާސަތަށް ކެބިނެޓު ތާއީދުކޮށްފިއެވެ.
މުސްލިމުންނަކީ ޓެރަރިސްޓުން ކަމަށްބުނެ "ރޭޑިކަލް އިސްލާމް" ނައްތާލުމުގެ ނަމުގައި ޓްރަމްޕް ފެށި މިކެމްޕޭނުގައި މުސްލިމް ހަ ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފައިވެއެވެ.
ޓްރަމްޕުގެ ކެބިނެޓުން ވަނީ މިސިޔާސަތު ބަލައި މުރާޖައާކުރުމަށްފަހު، އެއީ ރަނގަޅު ސިޔާސަތެއް ކަމަށް ނިންމާފައެވެ. އަދި އެމީހުން ދެކޭގޮތުގައި އޭގައި އެއްވެސް މައްސަލައެއް ނެތްއިރު އެއީ ރައީސްގެ ހައިސިއްޔަތުން ގައުމުގެ ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ޓްރަމްޕަށް ލިބިފައިވާ ހައްގެކެވެ.
އެމެރިކާގެ ރައީސް ކަމާއި ޓްރަމްޕް ހަވާލުވިފަހުން 300 އެއްހާ ރެފިއުޖީން ވަނީ ސަބަބަކާއި ނުލާ އެފްބީއައި އިން ޓެރަރިޒަމާއި ގުޅުމެއް އޮތްތޯ ބަލައި ތަހުގީގުކޮށްފައެވެ. ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓެރީ އޮފް ސްޓޭޓް، ޖޯން ކެލީ ބުނެފައިވަނީ އެމެރިކާގެ ދުޝްމަނުން އެގައުމުގެ ހިތްހެޔޮ ކަމާއި މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތް ކުރާ ކަމަށެވެ.
ޖެނުއަރީ މަހު ނެރުނު އޯޑަރުގައި އެމެރިކާއަށް ވަނުން މަނާކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިރާން، އިރާގް، ސޯމާލިއާ، ޔަމަން، ސީރިއާ، ލީބިޔާ އަދި ސޫދާނެވެ. ނަމަވެސް މިލިސްޓުން އިރާގު ވަނީ މިހާރު އުނިކޮށްފައެވެ.
އަދި އެމެރިކާގެ ސައްހަ ވީސާ އޮތްނަމަ މިގައުމުތަކުގެ ރައްޔިތުންނަށްވެސް މިހާރު އެމެރިކާއަށް ވަދެވޭނެއެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު އަންނަނީ މިއީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ބުނެ ޓްރަމްޕާއި ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރަމުންނެވެ.