ބިޕާޝާ ބާސޫ އާއި ނަވާޒުއްދީން ސިއްދީގީ ލީޑް ރޯލް ކުޅެފައިވާ ބިރުވެރި ފިލްމް "އާތުމާ" ގެ ފުރަތަމަ ޓްރެއިލާ އިއްޔެ އާންމުކޮށްފި އެވެ.
ސްޕާން ވަރުމާ ޑައިރެކްޓްކޮށްފައިވާ "އާތުމާ" ގައި ކިޔައި ދެނީ މަރުވެފައިވާ ފިރިއެއް އެނބުރި އައުމުން އާއިލާއެއްގެ ތެރޭގައި ހިނގާ ބިރުވެރި ހާދިސާތަކެވެ. މި ފިލްމްގައި ބިޕާޝާ ފެނިގެން ދާނީ، ހަ އަހަރުގެ އަންހެން ކުއްޖެއްގެ މަަންމައެއްގެ ގޮތުގަ އެވެ. އަދި ދަރިފުޅު ބައްޕަ ހޯދުމަށް ކުރާ މަަަސަައްކަތުގެ ތެރެއިން ދަރިފުޅާއި ފިރިމީހާގެ ފަރާތުން ބިރުވެރި ގިނަ ހާދިސާތަކަކާ ބިޕާޝާ އަށް ކުރިމަތިލާން ޖެހި، އޭނާގެ ދިރިއުޅުމަށް އަންނަ އާދަޔާހިލާފް ބަދަލުތައް ފިލްމުން ދައްކައި ދޭނެ އެވެ.
ބިޕާޝާ ވަނީ މީގެ ކުރިން ވެސް ކާމިޔާބް ބިރުވެރި ފިލްމްތަކެއް ކުޅެފަ އެވެ. އޭގެ ތެެރޭގައި "ރާޒް" އާއި "ރާޒް 3" ހިމެނެ އެވެ.
"އާތުމާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މާޗް މަހުގެ 22 ވަނަ ދުވަހު އެވެ.