އަބުރު ގާނޫނުގެ ދަށުން ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއާ އާލާ އިބްރާހިމް ފަންސާސް ހާސް ރުފިޔާއިން ޖުރިމަނާކޮށް ރާއްޖެ ޓީވީ ދެލައްކަ ރުފިޔާއިން ޖުރިމަނާކޮށްފިއެވެ.
ރާއްޖެޓީވީ އާއި އެތަނުގެ ނޫސްވެރިއަކު ބޮޑު އަދަދަކުން ޖުރިމަނާ ކޮށްފައިވަނީ އެ ސްޓޭޝަނުން ގެނެސްދިން ހަބަރަކާއި ގުޅިގެން މީހެއްގެ އަބުރު ގެއްލިފައިވާ ކަމަށްބުނެ އަމިއްލަ ފަރާތަކުން ބްރޮޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.
މިއީ އަބުރުގެ ގާނޫނަށް އަމަލް ކުރަންފެށި ފަހުން ނޫސްވެރިއަކާއި ހަބަރު ފަތުރާ އިދާރާއެއް ޖުރިމަނާކުރި ފުރަތަމަ ފަހަރުއެވެ.
ބްރޮޑްކާސްޓިން ކަމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސ. ހިތަދޫގައި ހިނގި ރޭޕުގެ ހާދިސާއަކާ ގުޅިގެން، ނޮވެމްބަރު 19، 2016 ގައި ރާއްޖެ ޓީވީން ޚަބަރު ގެނެސްދިންއިރު މީހެއްގެ އަބުރަށް އަރައިގެންފައިވާތީ އެވެ. އެ މައްސަލާގައި ހިމެނޭ މީހެއްގެ އާއިލާ މެމްބަރެއް ކަމަށްވާ ފަސާހަތު ހުސެއިންގެ ނަން ރާއްޖެ ޓީވީގެ ހަބަރުތަކުގައި ގެނެސްދިނީ އޭނާގެ ބަހެއް ނެތި ކަމަށް ބްރޯޑްކާސްޓިން ކަމިޝަނުގެ ބަޔާނުގައިވެއެވެ.
ކަމިޝަނުން ބުނީ މިހަބަރު އެއިދާރާއިން ގެނެސްދީފައިވަނީ ފަސާހަތުގެ ބަހެއް ނެތިކަމަށާއި އަދި އޭނާއަކީ ސޯޝަލް މަސައްކަތް ކުރައްވާ ފަރާތަކަށްވެފައި އެކަމުގެ ސަބަބުން އޭނާގެ އަބުރާއި ކަރާމާތަށް ބުރޫއަރާފައިވާ ކަމަށެވެ.
އަބުރު ރައްކާތެރިކުރުމަށްކަމަށް ބުނެ ހެދި ގާނޫނުގެ ދަށުން އެ ގާނޫނާއި ހިލާފްވެއްޖެނަމަ ނޫސް އިދާރާއެއް 50،000 ރުފިޔާ އާއި ދެމިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖުރިމަނާ ކުރެވޭނެއެވެ. އަދި އެގޮތަށް ކުރެވޭ ޖުރިމަނާއެއްގެ ނުދައްކާހާ ހިނދަކު މައްސަލަ އިސްތިއުނާފު ނުކުރެވެއެވެ.