Last Updated: June 27, 02:30
Friday, June 26, 2026
ސިޔާސީ

އެމްޑީޕީ ހަރުގެ ފާސްކުރަން އަނެއްކާވެސް ފުލުހުން ވަދެފި

ހަރުގެ ފާސްކުރުމުގައި ފުލުހުން ހަރަކާތްތެރި ވަނީ: ފޮޓޯ-ސަން

އެމްޑީޕީގެ ހަރުގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަނެއްކާވެސް ވަދެ ފާސްކޮށް އެތަނުގައި ހުރި ބެނާތަކެއް ގެންގޮސްފިއެވެ.

އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން މިފަހަރުވެސް ފުލުހުން ހަރުގެއަށް ވަދެފައިވާއިރު އަމުރުގައި ވަނީ ތަން ބަލައި ފާސްކުރަން ބޭނުންވަނީ ބޭރު ގައުމުތަކުގެ އެކި ވެރީންނާއި އިއްޒަތްތެރީން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ، އެގައުމުތަކުގެ ސިޔާދަތާއި، ޒިޔާރަތްކުރާ އިއްޒަތްތެރީންގެ ޝަރަފާއި ގަދަރަށް އުނިކަން ލިބޭފަދަ އަމަލުތަކެއް ހިންގުމަށް ރާވާ ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.

މިއަދުގެ ފާސްކުރުމަށްފަހު ފުލުހުން ވަނީ ހަރުގެ ތެރޭގައި ތިބި ބެނާތަކާއި 19 ރޯލުގެ ފޮތީގެ އިތުރުން އެތަނުގައި އެމްޑީޕީ މެމްބަރުން ކެމްޕޭނު ކުރުމަށް ބޭނުންކުރާ ބައެއް ތަކެތި ކޮތަޅަކަށް ލައިގެން ގެންގޮސްފައެވެ. ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހުވެސް ފުލުހުން އެމްޑީޕީ ހަރުގެއަށް ވަދެފައިވާއިރު އެފަހަރުވެސް ވަނީ ބައެއް ސާމާނާއި ފޮތި ގެންގޮސްފައެވެ.

އެމްޑީޕީއިން ވަނީ ފާސްކުރުން ފޭރުމުގެ އަމަލެއް ކަމަށް ސިފަކޮށް ގެންދިޔަ ތަކެތި ޕާޓީއާއި ހަވާލުކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ. މިއަދު ފުލުހުން އެމްޑީޕީ ހަރުގެ ފާސްކޮށްފައިވަނީ ޕާޓީގެ ސެކެޓްރީ ޖެނެރަލް، އަނަސް އަބްދުއް ސައްތާރާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހަރުގޭގައި ތިއްބައެވެ.