Last Updated: June 27, 02:30
Friday, June 26, 2026
ޚަބަރު

ހުޅުމީދޫ އާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފި

ހުޅުމީދޫ ފުލުހުންގެ މަރުކަޒު ހުޅުވާދެއްވަނީ: ފޮޓޯ- ޕޮލިސް

އައްޑޫ ސިޓީގެ ހުޅުމީދޫ ފުލުހުންގެ މަރުކަޒު ރަސްމީގޮތެއްގައި މިއަދު ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ހުޅުއްވައިދެއްވައިފިއެވެ.

ހޯމް މިނިސްޓަރާއި ސީޕީ މިހާރު އައްޑޫއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ވަނީ ހުޅުމީދޫއަށް ވަޑައިގެން ހުޅުމީދޫ ޕޮލިސް ސްޓޭޝަން ހުޅުވައި، އެއިދާރާގައި ގައުމީ ދިދައާއި ފުލުހުންގެ ދިދަ ނަންގަވާދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ އަރީފް ވިދާޅުވެފައިވަނީ އާ ސްޓޭޝަން ރަސްމީ ގޮތުން ހުޅުވުމާއެކު ހުޅުމީދޫއަކީ އަމާން ރަށަކަށް ހެދުމާއި ކުށް މަދު ރަށަކަށް ހެދުމަށް ފުލުހުން ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.

ހޯމް މިނިސްޓަރު އަޒްލީންގެ ވާހަކަފުޅުގައި ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަމަށް ސަރުކާރުން ކޮށްދެއްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައި ފުލުހުންގެ ހަރުދަނާ ކަމާއި ހީވާގިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން މާދަމާ ހެނދުނު ރަސްމީ ގޮތުން ހުޅުވުމަށް ރާވާފައިވާއިރު މިރަސްމިއްޔާތުގައިވެސް ހޯމް މިނިސްޓަރާއި ސީޕީ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.