Last Updated: June 25, 20:21
Thursday, June 25, 2026
ކުޅިވަރު

އަތޮޅު މަދަރަސާގެ ފުރަތަމަ މޮޅު، ތަފާތު ބޮޑު ނަތީޖާއެއް

މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އުމުރުފުރާގައި ސ. އަތޮޅު މަދަރަސާ އަދި ހިތަދޫ ސްކޫލް ބައްދަލު ކުރި މެޗް ގިނަ ލަނޑުތަކެއް ޖަހައިގެން އަތޮޅު މަދަރަސާ މޮޅުވެއްޖެއެވެ. މިއީ މިފަހަރު މުބާރާތުގައި އަތޮޅު މަދަރަސާ މޮޅުވި ހަމައެކަނި މެޗެވެ.

އައްޑޫ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މި މެޗް އަތޮޅު މަދަރުސާ ކާމިޔާބުކުރީ 10-1 ލަނޑުންނެވެ. އިއްޔެ މެޗްގައި މާ ހުނަރުވެރި ކުޅުމެއް ނުފެނުނު ނަމަވެސް އަތޮޅު މަދަރަސާގެ ފޯވާޑަށް ކުޅުނުު އިބްރާހިމް ލީވާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. ލީވާން ވަނީ މޮޅަށް ކުޅެ އަތޮޅު މަދަރަސާއަށް 4 ގޯލް ޖަހާދީފައެވެ.

މީގެ އިތުރުން އަތޮޅު މަދަރަސާގެ މުހައްމަދު އައިޝަމް ވަނީ ހެޓްރިކް ހަދާފައެވެ. އެޓީމަށް ދެން ލަނޑު ޖަހާ ދިނީ މުހައްމަދު ހަމްދާން އާއި އިބްރާހިމް ޒަޔާންގެ އިތުރުން އަލްސަން ހުސެއިންނެވެ. ހިތަދޫ ސްކޫލުން ޖެހި ހަމައެކަނި ލަނޑު ޖަހާދިނީ އަލީ ޝިމާއު ޒުބައިރެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅޭނީ އެންމެ ފޯރިގަދަ އެއްމެޗެވެ. ބައްދަލު ކުރާނީ އައްޑޫ ހައި ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ.