Last Updated: June 30, 14:08
Tuesday, June 30, 2026
ވިޔަފާރި

ނައިކީން ޕްރޯ ހިޖާބް ތަޢާރަފް ކުރަނީ

ބައިނަލްއަޤްވާމީ ސްޕޯޓްސް ބްރޭންޑެއް ކަމަށްވާ ނައިކީއިން މުސްލިމް އަންހެނުން ކުޅިވަރުތަކުގައި ބައިވެރިވުމަށް އެހީތެރިވުމުގެ ގޮތުން ކުޅިވަރަށް ޚާއްސަ ކޮށްގެން ޑިޒައިން ކޮށްފައިވާ ހިޖާބެއް ތަޢާރަފް ކުރަނީ އެވެ.

"ނައިކީ ޕްރޯ ހިޖާބް" 2018 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ތަޢާރަފް ކުރެވޭނެއެވެ. އެއީ ދުވަހުން ދުވަހަށް ކުޅިވަރުތަކުގައި ބައިވެރިވާ މުސްލިމް އަންހެނުންގެ އަދަދު އިތުރުވަމުން ދާތީއެވެ.

ނައިކީ އިން ބުނީ 2012 ވަނަ އަހަރު ލަންޑަން ގައި ބޭއްވި އޮލިމްޕިކްސް ގައި ސައުދި އަރަބިއާގެ ދުވުންތެރިޔާ ސާރާ އައްތަރް 800 މީޓަރުގެ ރޭހުގައި ބައިވެރިވުމުގެ އިތުރުން 2016 ވަނަ އަހަރު ރިއޯ ގައި ބޭއްވި އޮލިމްޕިކްސް ގައި އެކުވެރި އަރަބް އިމާރާތުގެ ވެއިޓްލިފްޓާ އަމްނާ އަލް ހައްދާދް ބައިވެރިވުން ވެގެން ދިޔައީ އެކުންފުނީގެ އިންސްޕިރޭޝަނަށް ކަމަށެވެ.

ނައިކީ އިން އާންމުކުރި ބަޔާނުގައި ވާގޮތުން "ނައިކީ ޕްރޯ ހިޖާބް" އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަތާ ވީ އެންމެ އަހަރެއް ކަމުގައި ވިޔަސް، އޭގެ އަސްލު މީގެ އެތައް އަހަރުތަކެއް ކުރިއަށް ބަލާލިޔަސް ފެންނާނެ ކަމަށެވެ.

ނައިކީ އިން "ޕްރޯ ހިޖާބް" އުފެއްދުމަށް ނިންމީ ބައެއް އެތުލީޓުން އިތުރަށް ރަނގަަޅަށް ޕާފޯމް ކުރުމަށްޓަކައި ހިޖާބެއްގެ ބޭނުންވާނެ ކަމަށް ބުނުމުން ކަމަށް އެކުންފުނިން ބުނެއެވެ.

ނައިކީގެ ތަރުޖަމާނަކު އަލް އަރަބިއާ އިންގްލިޝް އަށް މަޢުލޫމާތު ދިން ގޮތުގައި "ޕްރޯ ހިޖާބް" ގެ ކޮންސެޕްޓް ވުޖޫދަށް އައީ އެމެރިކާގެ އޮރެގަން ގައި ހުންނަ ނައިކީގެ ހެޑްކުއާޓާސްގެ ރިސާޗް ފެސިލިޓީ އަށް އަލް ހައްދާދް ޒިޔާރަތް ކުރުމަށް ފަހުގައެވެ.

ނައިކީ އިން ތަޢާރަފް ކުރާ މި ޚާއްސަ ހިޖާބު ޓެސްޓް ކުރުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވާ އެތުލީޓުންގެ ތެރޭގައި މިސްރުގެ ކޯޗް މަނާލް ރުސްތޮމް އަދި ޔޫއޭއީގެ ފިގާ ސްކޭޓާ ޒަހްރާ ލާރީ ހިމެނެއެވެ.

ނައިކީ އިން މަޢުލޫމާތު ދޭ ގޮތުގައި ޕްރޯ ހިޖާބް ހަދާފައި ހުންނަނީ ހޫނު މޫސުމުގައި އަންހެނުންނަށް ފަސޭހަ ވާނެ ގޮތަށް ލުއި ޕޮލިއެސްޓާ މެޓީރިއަލް އިން ހަދާފައިވާ ނެޓް ފޮތިން ކަމަށެވެ.