ސ. މަރަދޫ ގެއަކުން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް މައްސަލަ ހުށަހެޅުތަނާ ހަތަރު ގަޑި ނުވަނީސް ސ. ގަން ޕޮލިސް ސްޓޭޝަނުން އެ ތަކެތި ހޯދައި އެތަކެތި އޭގެ ވެރިފަތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ތަކެތި ފުލުހުން ހޯދާފައި ވަނީ ރޭ 21:35 ހާއިރު މަރަދޫ ވަލުމިސްކިތްދޮށުގެ ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ތަކެއް ގެެއްލިފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާއި ގުޅިގެން އެތަކެތި ހޯދުމަށް ގަން ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ރޭ ދަންވަރު 01:15 ހައިރު ހަމަ އެގޭ ގޯތިތެރޭގައި ހައްދާފައި ހުރި ގަސްތަކެއްގެ ތެރޭގައި ގޯންޏަކަށް ލައި ފޮރުވާފައި ހުއްޓަ އެވެ.
އެގޮތުން ވަލުމިސްކިތްދޮށު ގެއިން ގެއްލިފައިވާ ޑެލް ބްރޭންޑުގެ ލެޕްޓޮޕާއި އޭގެ ޗާޖަރާއި ކެނޮން ބްރޭންޑުގެ ކެމެރާއަކާއި އޭގެ ޗާޖަރާއި ޓެމްރޮން ބްރޭންޑުގެ ލެންސް ޒޫމް އަކާއި ޕްރައިމް ބްރޭންޑުގެ ލެންސަކާއި ޓުރައިޕޮޑްއަކާއި އަށް ޖީބީގެ ދެ މެމޮރީ ކާޑާއި ދެ ޖީބީގެ މެމޮރީ ކާޑަކާއި ޓުރިމަރެއްގެ ޗާޖަރެއްގެ އިތުރުން 50 ޔޫ.އެސް ޑޮލަރާއި 2 ރަންފަށް ފުލުހުން ވަނީ ހޯދާފަ އެވެ.
ވައްކަމުގެ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ނުވި ނަމަވެސް މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.