އިންޑިއާގެ ދެކުނު ކެރަލާ ސްޓޭޓްގެ ވަޔަނާދް އަވަށުގައި ހުންނަ ކުޑަކުދިންގެ ހިޔާއަކަށް ނިސްބަތްވާ ފުރާވަރުގެ އަންހެން ކުދިންތަކެއް ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހަ މީހަކު އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނާ ގޮތުގައި އެމީހުން ވަނީ ޗޮކްލެޓެއް ދިއްކޮށްލުމަށްފަހު އެކުދިން ފިހާރައެއްގެ ތެރެއަށް ގެންގޮސްފައެވެ.
އެމީހުން ވަނީ އެކުދިންނާއި އެކު ގަދަކަމުން ބަދްއަޚްލާޤީ ޢަމަލުތައް ހިންގި މަންޒަރު ވީޑީއޯ ކޮށްފައި ކަމަށާއި، އެވީޑީއޯ ދެއްކުމަށްފަހު އިތުރު ކަންތައްތައް ކުރުމަށް އެކުދިންނަށް ބިރު ދައްކާފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
ކަމާއިބެހޭ ފަރާތްތަކުން ވަނީ އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ފިރިހެނުންގެ ޝިކާރައަކަށް އިތުރު ކުދިން ވެފައި ވޭތޯ ބެލުމަށްޓަކައި ތަހުޤީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
1،000 އަށްވުރެ ގިނަ ކުދިން ދިރިއުޅެމުން އަންނަ އެ ހިޔާގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުން ރޭޕްގެ ޝިކާރައަކަށްވި އަންހެން ކުދިންނަށް މިހާރު ދަނީ ކައުންސެލިން ދެމުންނެވެ.
2012 ވަނަ އަހަރު ދިއްލީގައި ކިޔަވާ ކުއްޖަކު ވަރަށް އިހާނެތި ކޮށް ގޭންގް ރޭޕް ކުރި މައްސަލައަށްފަހު، ރޭޕް އާއި ޖިންސީ އެހެނިހެން ކުށްތައް ރިޕޯޓް ކުރެވޭ މިންވަރު ވަނީ އިންޑިއާގައި އިތުރު ވެފައެވެ.
ހަމަ އެއާއިއެކު ވަރަށް ހަރުކަށި، އެންޓި-ރޭޕް ޤާނޫންތަކެއްވެސް ވަނީ އިންޑިއާގައި ފާސް ކޮށްފައެވެ. އެހެންނަމަވެސް އަންހެނުންނާއި ކުޑަކުދިންނާއި ދެކޮޅަށް ވަރަށް އިހާނެތި ޖިންސީ ގޯނާ ކުރާ ކަމުގެ ރިޕޯޓްތައް އިންޑިއާގެ އެކި ކަންކޮޅުތަކުގައި އަދިވެސް ރިޕޯޓް ކުރެވޭ މިންވަރު މަދެއް ނުވެއެވެ.