Last Updated: June 27, 02:30
Friday, June 26, 2026
ސިޔާސީ

އެމްޑީޕީ ބޮޑު ޖަލްސާއެއް މާދަމާ ރޭ އައްޑޫގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނާއި ޓިކެޓު ހަވާލުކުރުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީގެ ފަރާތުން މައުލޫމާތު ދެއްވާފައިވަނީ ލ. އަތޮޅުން ދެކުނު ރަށްތަކުގެ ކެންޑިޑޭޓުންގެ ޓިކެޓު ހަވާލުކުރުން އޮތީ އައްޑޫ ސިޓީގައެވެ. އަދި ލ. އަތޮޅުން އުތުރުގެ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހ.އ ދިއްދޫގައެވެ.

ކެންޑިޑޭޓުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އެކު ޖުމުލަ 63 މީހަކު މާދަމާ އައްޑުއަށް އައުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވެސް ވަނީ ހިމެނިފައެވެ.

އައްޑުއަށް އަންނަ އެމްޑީޕީގެ އިސް ބޭފުޅުންގެ އިސްތިގުބާލުގައި މާދަމާ ގަމަށް ދިއުމަށް އެމްޑީޕީ އިން ވަނީ މެމްބަރުންނަށް ދައުވަތު އަރުވާފައެވެ. އަދި ޖަލްސާގައި ބައިވެރިވެޑައިގަތުމަށް އެމްޑީޕީ ހަރުގެއަށް މާދަމާ ރޭ ދިއުމަށް އެމްޑީޕީ އިން ވަނީ އައްޑޫ ސިޓީގެ އެންމެހާ މެމްބަރުންނަށާއި އިންސާފަށް ލޯބި ކުރާ އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.