ފާޑުކިޔުންތެރިކަން ތަޢުރީފް ރައްދުވި ފިލްމް "ޕިންކް" އަށްފަހު ތާޕްސީ ޕައްނޫ އަނެއްކާވެސް ވަރަށް ވަރުގަދަ މެސެޖެއް އާންމުންނާއި ހަމައަށް ގެނެސްދޭ ފިލްމެއް ކުޅެފިއެވެ.
އޭނާގެ އެންމެ ފަހުގެ ފިލްމް "ނާމް ޝަބާނާ" ގެ ޑައިލޮގް ޕްރޮމޯ މިހާރު ދައްކާލާފައިވާއިރު، އެފިލްމުގައި ތާޕްސީ ފެނިގެންދަނީ ވަރަށް ހިތްވަރުގަދަ، ކުޅަދާނަ އަންހެނެއްގެ ރޯލުންނެވެ. އެއް މިނެޓާއި 30 ސިކުންތުގެ އެ ޓްރެއިލާ ފެށިގެންދަނީ ފިރިހެނަކު ހިނގާފައި ދަމުން ތާޕްސީ ކޮށްޕާލުމަށްފަހު، އާދައިގެ ގޮތަކަށް މަޢާފަށް އެދޭ މަންޒަރުންނެވެ. ރުޅިގަދަ ވެފައި ހުރި ތާޕްސީ ދެން ފެންނަނީ އެ ފިރިހެން މީހާ ކޮށްޕާލާ ވައްޓާލުމަށްފަހު، ހަމަ އެފަދަ ގޮތަކަށް އޭނާގެ ގާތުން މަޢާފަށް އެދޭ މަންޒަރެވެ.
ޝިވަމް ނައިރް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ 2015 އަހަރުގެ ފިލްމް ކަމަށްވާ "ބޭބީ"ގެ ދަށުން ރިލީޒް ކުރާ ފިލްމެކެވެ. އަދި މި ފިލްމުގައި އެކްސްޓެންޑެޑް ކެމިއޯ އަކުން އަކްޝޭ ކުމާރްވެސް ފެނިގެންދާއިރު، ފިލްމް ސިނެމާތަކުގައި އެޅުވުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 31 ވަނަ ދުވަހުއެވެ.