Last Updated: June 27, 02:30
Friday, June 26, 2026
ކުޅިވަރު

ޕެރިސް ކޮޅަށް ހަ ލަނޑު ޖަހައި ބާސާ ދުނިޔެ ސިއްސުވާލައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކް-އައުޓު ސްޓޭޖުގެ ދެވަނަ ލެގުގައި ޕީއެސްޖީ ކޮޅަށް 6 ލަނޑު ޖަހައި، އެގްރިގޭޓުން 5-6 އިން މޮޅުވެ ބާސާ ކުއާޓާއަށް ދަތުރުކޮށްފިއެވެ.

ފުރަތަމަ ލެގުގައި 0-4 އިން ބާސާ ބަލިކޮށް ޕީއެސްޖީ މިރޭގެ މެޗަށް ނިކުތީ މާބޮޑު ހާސް ކަމެއް ނެތި ކުއާޓާގެ ޖާގައެއް ޔަގީން ކޮށްގެނެވެ. ނަމަވެސް ބާސާ އިން ވަނީ މެޗު ފަސޭހަ ނުކުރުމަށް ޕީއެސްޖީއަށް ގޮވާލާފައެވެ. ފޯވާޑް ނޭމާ ވަނީ މެޗުގެ ކުރިން އޭނާ މިރޭ ދެ ލަނޑު ޖަހާނެ ކަމަށްބުނެ އޭނާގެ ވައުދު ފުއްދާފައެވެ.

މެޗުގެ ފުރަތަމަ ގޯލު 3 ވަނަ މިނެޓުގައި ޖަހާފައިވަނީ ސުއަރޭޒެވެ. އޭނާގެ ކުރީކޮޅު ލީޑު ފުޅާވެގެން ދިޔައީ 40 ވަނަ މިނެޓުގައި ޕީއެސްޖީގެ ކުރުޒުވާ އަތުން ބައިކޮޅަށް ވަން ގޯލަކާއެކުގައެވެ.

ދެވަނަ ހާފު ފެށިގެން ގިނައިރުތަކެއް ނުވެ މެސީ ވަނީ ޕެނަލްޓީއަކުން މެޗުގެ ލީޑު 0-3 އަށް ފުޅާކޮށްފައެވެ. ޕެރިސްގެ ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެސީގެ ޕެނަލްޓީއަށް ފަހު ދިހަ ވަރަކަށް މިނެޓު ތެރޭގައެވެ. އެވޭ ގޯލެއް ޖެހުމުން ބާސާ އަށް ވަނީ އިތުރަށް ރޭގައި ތިން ލަނޑު ޖަހަން މަޖުބޫރުވެފައެވެ.

ނަމަވެސް ބާސާ އިން ވަނީ ފަހު ވަގުތާއި ހަމައަށް ހިތްވަރު ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ. މެޗުގެ ހަތަރު ވަނަ ގޯލު ޖަހާފައިވަނީ ނޭމާއެވެ. އެގްރިގޭޓުގެ ނަތީޖާ 5-5 އަށް ހަދައިދިނީވެސް ނޭމާގެ ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލަކުންނެވެ. ނޭމާ މި ގޯލު ޖަހާފައިވަނީ މެޗުގެ 90 ވަނަ މިނެޓުގައެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން އިތުރުވަގުތުގެ 4 މިނެޓު ކުޅެން ފެށިއިރުވެސް ފުރުސަތު އޮތީ ޕެރިހަށެވެ. ނަމަވެސް ބާސާ އިން ވަނީ އެންމެ ފަހު ސިކުންތުކޮޅާއި ހަމައަށް ހިތްވަރު ދޫނުކޮށް ިއތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ލަނޑު ޖަހައި ދުނިޔެ ސިއްސުވާލާފައެވެ. ރޮބާޓޯގެ މިގޯލާއެކު އެތައް މިލިއަން ބަޔަކު ހައިރާންކޮށް ބާސާ ވަނީ މުބާރާތުގެ ކުއާޓާއިން ޖާގައެއް ކަށަވަރުކޮށްފައެވެ. ނޫކޭމްޕުގައި މިފަދަ ފޯރިގަދަ މެޗެއް ފަހުގެ ތާރީޚުގައިވެސް ކުޅެފައިނުވެއެވެ. ޗެމްޕިއަންސް ލީގުގައިވެސް ފޯރިގަދަ މެޗުތަކެއް މާޒީގައި ފެނިގެން ގޮސްފައިވާއިރު މިއީ ފަހުގެ ތާރީޚެއްގައި އެންމެ ހަނދާނުން ފޮހެލަން ދަތި މެޗު ކަން ޔަގީނެވެ.