Last Updated: July 27, 18:03
Monday, July 27, 2026
ރިޕޯޓް

މި 10 މެންބަރުން މި ފަހަރު ހަދާނީ ކިހިނެއް؟

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާޙްކުރުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ފާހަގަކުރަނީ ރައްޔިތުންގެ މަޖިލީހުން ހިންގި ބޮޑު "ޖަރީމާއެއް"ގެ ގޮތުގައެވެ. ރައްޔިތުންގެ އިޙްސާސްތަކާއި އެމީހުންގެ ވިންދު އެނގޭ ކަމަށް ބުނެ މަޖިލީހަށް އިންތިޚާބުވި މެންބަރުންގެ ފަރާތުން ރައްޔިތުންނަށް ކުރި މަލާމާތެއްގެ ގޮތުގައި ވެސް މެއެވެ.

މީގެ ގާތްގަނޑަކަށް 2 އަހަރާއި 8 މަސް ދުވަސް ކުރިން ޤާނޫނު އަސާސީއަށް އިސްލާޙެއް ގެނެސް ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާޙްކުރި އިރު އެކަން ކުރެވިގެން ދިޔައީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ 10 މެންބަރެއްގެ ވޯޓާއި ވެސް އެކުގައެވެ. އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ނަޒަރުގައި އެއީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ޖެހުނު ބޮޑު ލަތްގަނޑެއްގެ ގޮތުގައެވެ.

އޭގެ ރައްދުގައި އެ އިސްލާހަށް ވޯޓު ދެއްވި މެންބަރުން ވިދާޅުވަނީ، ސިޔާސީ ގޮތުން ގޯސްތަކެއް ހެއްދެވޭނެ ކަމަށާއި، މިހާރު އޮތް ހަމައެކަނި ގޮތަކީ އެކަން ރަނގަޅުކުރުން ކަމަށެވެ. އެމްޑީޕީގެ ފަރާތުން މިހާރު ވަނީ ރާއްޖޭގެ ބިންތައް ބޭރު ބަޔަކަށް ވިއްކުމާ އެމްޑީޕީން ކަނޑައެޅިގެން ދެކޮޅު ކަމަށް ބުނެ ގާނޫނުއަސާސީ އަލުން އިސްލާހް ކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށް ނިންމާފައެވެ.

އެހެން ނަމަވެސް، ސިޔާސީ މަސްރަޚް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ތެރެއިން އެކަން ކުރުމަކީ އެމްޑީޕީ އަށް އަދި އިދިކޮޅު ފަރާތްތަކަށް ނުކުރެވޭނެ ކަމެއްގެ ގޮތުގައެވެ.

މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު މެންބަރުންނާއި، ޕީޕީއެމްއަށް ނިސްބަތްވާ މެންބަރުންތަކެއް ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާއިރު މިހާރު ގިނަބަޔަކު އުފައްދާ ސުވާލަކީ، އެކަން ކާމިޔާބު ކުރެވިދާނެތޯއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން މިވަނީ އަމާޒު ހިފާފައެވެ. އެހެން ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ގޮތުން، މިފަހަރު ވެސް މި ވޯޓު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވެދާނެތޯ މިއީ އުފައްދާ ސުވާލެކެވެ.

މަޖިލީހުގެ މެންބަރުން ބެހިފައިވާ ގޮތަށް ބަލާއިރު ޕީޕީއެމް އަށް ނިސްބަތްވާ 48، އެމްޑީޕީ 21، ޖުމްހޫރީ ޕާޓީ 7، އެމްޑީއޭ 6، އަދާލަތު ޕާޓީ 1 އަދި މިނިވަން 2 މެންބަރުން ތިއްބަވައެވެ.

މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ފަރާތްތަކުން މަދުވެގެން 42 ވޯޓު ހޯދަން ޖެހޭނެއެވެ. މިހާތަނަށް މަޖިލީހުގައި ނަގާފައިވާ މުހިއްމު ބޮޑެތި ވޯޓުތަކުގައި އިިދިކޮޅު ފަރާތްތައް 30 ވޯޓަށް ވުރެ ގިނައިން ހޯދިފައި ނުވާއިރު ސަރުކާރު ކޯލިޝަނުން ގިނަ ވޯޓުތަކުގައި 50 ވޯޓު ހޯދާފައި ވެއެވެ.

ސަރުކާރު ކޯލިޝަނުން ހޯދާ ވޯޓުތަކުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ ވޯޓު ވެސް ބައެއް ފަހަރު ހިމެނެއެވެ. އެގޮތުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ގާނޫނު އަސާސީ އިސްލާހްކުރި އިރު އެމްޑީޕީގެ 10 މަޖިލިސް މެންބަރަކު އެ އިސްލާހަށް ވޯޓު ދެއްވިއެވެ.

ޕީޕީއެމާއި އެމްޑީޕީ މެމްބަރުންގެ ވޯޓާއެކު، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ފަސޭހަކަމާ އެކު ފެއިލްކޮށްލާނެ ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު ނިހާން ވަނީ ވިދާޅުވެފައެވެ.

މިހާރު އުފެދޭ ސުވާލަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު އެ މައްސަލައިގައި މި 10 މެންބަރުން ވޯޓު ދެއްވާނީ ކޮންގޮތަކަށް ތޯއެވެ.

ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ބޭރުގެ ފަރާތްތަކަށް ބިން ވިއްކޭ ގޮތަށް ގާނޫނޫ އަސާސީ އިސްލާހްކުރުމަށް ވޯޓު ދެއްވި އެމްޑީޕީ 10 މެންބަރުން އަމަލު ކުރައްވާ ގޮތް ވެސް ރައްޔިތުންނަށް ހާމަވެގެން ދާނެއެވެ.