އައްޑޫއިން ބިދޭސީންނާއި ގުޅޭ ހިދްމަތް ލިބެން ނެތުމުން އެކަމާއި ހެދި ބޮޑު ހަރަދެއް ކުރަން ޖެހޭތީ އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކައުންސިލަރު އަބްދުﷲ ތޮއްޔިބު ވިދާޅުވީ އާއްމު ވިޔަފާރިވެރިންގެ ޝަކުވާ ބޮޑުވެފައިވަނީ ކުރިން އެހިދްމަތް މި ސިޓީން ލިބެން ހުރެފައި މިހާރު އެ ޚިދްމަތް މެދު ކެޑިފައި އޮތުމުގެ ސަބަބުންނެވެ.
އެގޮތުން ކުރިން ކައުންސިލް އިދާރާގައި ހުންނަ އިމިގްރޭޝަންގެ ސެކްޝަނުން ބިދޭސީންނާ ގުޅޭ ވަރަށް ގިނަ ހިދުމަތްތައް ލިބެމުންދިޔަކަމަށް ޠޮއްޔިބް ފާހަގަ ކުރިއެވެ.
ނަމަވެސް މިހާރު އެހިދްމަތް މުޅިން ކެޑިފައި އޮވެ، އެކަމަށް ހައްލެ ނުލިބުމުގެ ސަބަބުން އައްޑޫގައި ތިބި ބިދޭސީންނާއި ގުޅޭ މަސައްކަތްތައް ނުކުރެވޭތީ އެކަމުގެ ޝަކުވާ ކޮންމެ ދުވަހަކު ކައުންސިލަށް ލިބެމުންދާކަމަށް ޠޮއްޔިބް ވިދާޅުވިއެވެ.
" ކުރިން ކައުންސިލް އިދާރާގައި ހުރި އިމިގްރޭޝަން ޑެސްކުން ގިނަ ހިދްމަތްތަކެެއް ލިބެމުންދިޔަ. އެހެންވެ ގިަނ ބަޔަކަށް އެކަމުގެ ފައިދާކުރި. ނަމަވެސް މިހާރު އެ ހިދްމަތް ވަނީ އެއްކޮށް މެދުކަޑާފައި، އެހެންވާންޖެހޭ ސަބަބެއް ނޭގެ،" އޭނާ ވިދާޅުވި އެވެ.
ޠޮއްޔިބް ވިދާޅުވީ ކައުންސިލު އިދާރާގައި ހުރި އިމިގްރޭޝަން ސެކްޝަނުން ހިދްމަތް ނުދެވޭ ސަބަބެއް އެގިފައި ނުވާކަމަށެވެ.
"މިހާރު މިޖެހެނީ އޮންލައިންކޮށް ފޯމު ފުރުމަށް ފަހު އެމީހަކު ވެރިފައި ކުރަން ދެކޮޅު ޓިކެޓް ހަރަދު ކޮށްފައި މާލެ ދާން. އެމީހަކު ވެރިފައި އައްޑޫއިން ނުކުރެނެޖެހޭ ސަބަބެއް ނުވިސްނޭ"
އައްޑޫއިން ބިދޭސީންނާއި ގުޅޭ ހިދްމަތްތައް ނުލިބެތީ އާއްމު ވިޔަފާރިވެރިން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައިއެވެ. އެގޮތުން މަރަދޫގެ ވިޔަފާރިވެރިއަކު ބުނީ އަލަށް ކޯޓާ ހޯދުމަށް އޮންލައިން ކޮށް ފޯމު ފުރައި އަދި އެ ވެރިފައިކުރަން މާލެ ދާނެ ޖެހުނު ކަމީ ބޮޑު މައްސަލައެއް ކަމަށެވެ.
"މީގެ ކުރިން އަޅުގަނޑުމެންނަށް އައްޑޫއިން މިފަދަ ކުދި ކުދި ކަންތައް ތައް އައީ ކުރެވެމުން. އެހެންވެ އިތުރު ހަރަދާއި ބުރަ މަސައްކަތެއް ކުރާކަށް ނުޖެހޭ. އެކަމަކު މިހާރު މީދެން ބޮޑުވަރު" ވިޔަފާރިވެރިއާ ބުންޏެވެ.
ޠޮއްޔިބް ވިދާޅުވީ އިމިގްރޭޝަނުން ހިދްމަތް ދިނުމަށް ކައުންސިލުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދިނުމަށް ތައްޔާރަށް އޮތް ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ އިމިގްރޭޝަނުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭން ތައްޔާރަށް. އަޅުގަނޑުމެން ބޭނުން ކުރިން އައްޑޫން ލިބެމުން ދިޔަ ހިދްމަތް އަލުން މިކޮޅުން ލިބެން ހުންނަން" ޠޮއްޔިބް ވިދާޅުވިއެވެ.