ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް އެމްޑީއޭ އިން ވަކިކުރުމަށް އެޕާޓީގެ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށައަޅައިފިއެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެފައިވަނީ އަރީފް ވަނީ ނަސޭހަތްތެރިވުމުންވެސް ޕާޓީގެ ވިޕްލައިނާއި ހިލާފަށް މަޖިލީހުގައި ވޯޓުދީ، ޕާޓީގެ ފިކުރާއި ދެކޮޅަށް މަޖިލީހުގައި ވާހަކަ ދައްކައި ޕާޓީގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ.
އެމްޑީއޭގެ ހަ މެމްބަރަކު މަޖިލީހުގައި ޕާޓީ ތަމްސީލުކުރާއިރު އެޕާޓީގެ ވިޕާއި ޚިލާފަށް ވޯޓު ދެމުން އަންނަ ހަމައެކަނި މެމްބަރަކީ އަރީފެވެ. އަދި ފަހަކަށް އައިސް މަޖިލީހުގައި އަރީފު މަސައްކަތް ކުރަނީވެސް އެމްޑީއޭ އަދި ސަރުކާރު ކޯލިޝަނުގެ މެމްބަރުންނާއި ވަކިން ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ މެމްބަރުންނާއި އެކީގައެވެ.
އެމްޑީއޭގެ ޕީޖީ ގްރޫޕުގެ މެމްބަރު، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އަރީފަކީ އެޕާޓީގެ ލީޑާޝިޕާއި ގުޅޭ މީހެއް ނޫން ކަމަށް އެންމެ ފުރަތަމަ ދުވަހުވެސް ބުނެފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ދެކޭ ގޮތުގައި އަރީފަކީ މިސްރާބެއް ނެތި ކަނޑުގައި އޮޔާ ދާ ކާޓެއް ފަދަ ބޭފުޅެކެވެ.
އެމްޑީއޭ އިން އަރީފް ވަކި ކުރުމަށް ނިންމާފައިވާއިރު އޭނާ ދެން ގުޅޭނެ ކަމަށް ބެލެވެނީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނާއިއެވެ. މައުމޫން ފެކްޝަންގެ މެމްބަރެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެމްބަރު، ފާރިސް މައުމޫން ވަނީ އަރީފްއަށް އޭނާގެ ތައުރީފުގެ ބަސްތައް ރައްދުކޮށްފައެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ވަނީ އަރީފު ދިފާއުކޮށް އޭނާއަކީ ހިތްވަރުގަދަ ބަތަލެއް ކަމަށް ވިދާޅުވެފައެވެ.