ގައުމި އެއާލައިން، މޯލްޑިވިއަން އިން ރާއްޖެއާއި ލަންކާއާ ދެމެދު ޑައިރެކްޓް ފްލައިޓު ހަމަޖައްސައި ދަތުރު ފެށުމަށް ތައްޔާރުވަމުން އަންނައިރު ދަތުރުގެ އަގު އެހެން އެއާލައިންތަކަށްވުރެ ހެޔޮ ވާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
އަންނަ އެޕްރިލްގެ ކުރިން ދަތުރުތައް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާގޮތުގައި ދަތުރުކުރާނީ ކޮލޮމްބޯ އެއާޕޯޓަށެވެ. އާންމުގޮތެއްގައި ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި ނަމަވެސް ކޮލޮމްބޯ އެއާޕޯޓަކީ ދިވެހިން އުޅޭ ސަރަހައްދާއި ކައިރި، އަދި ހޮސްޕިޓަލުތަކާއިވެސް ކައިރި އެއާޕޯޓެވެ.
އާންމު ގޮތެއްގައި ލަންކާގައި ދިވެހިން ދިރިއުޅޭ އަވަށްތަކަށް ކޮލޮމްބޯ އެއާޕޯޓުން 15 ވަރަކަށް މިނެޓުތެރޭގައި ދެވޭނެއެވެ. އައިލެންޑް އެވިއޭޝަނުގެ މެނޭޖިންގ ޑައިރެކްޓަރ، އަބްދުލް ހާރިސް ވިދާޅުވެފައިވަނީ އެއާޕޯޓުގައި ދަތުރުކުރާ ފަރާތްތަކަށް ފަސޭހައަކަށް ދިވެހި ސްޓާފުން ބަހައްޓާނެ ކަމަށެވެ.
ރާއްޖެ-ލަންކާ ޓިކެޓުތަކުގެ އަގު މިހާތަނަށް މޯލްޑިވިއަން އިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެހެން އެއާލައިންތަކަށްވުރެ އަގު ހެޔޮ ވާނެ ކަމަށް މޯލްޑިވިއަން އިން ވަނީ ޔަގީންކޮށްފައެވެ.