ނިމިގެންދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އަހަރީ ރިޕޯޓު އާންމުކޮށް 14 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު 33 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ރިޕޯޓުން ދައްކައިފިއެވެ.
މިދިޔަ އަހަރު ކޮމިޝަނުން ތަހުގީގުކޮށް 829 މައްސަލައެއް ނިންމާފައިވާއިރު ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީހަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ އެންމެ 14 މައްސަލައެވެ.
އޭސީސީ އިން ހާމަކޮށްފައިވާ ގޮތުން ޕީޖީ އޮފީހުން ވަނީ އެކިއަހަރުތަކުގައި ކޮމިޝަނުން ފޮނުވި މައްސަލަތަކުގެ ތެރެއިން 70 މައްސަލައެއް އަނބުރާ ފޮނުވާލާފައެވެ. އޭގެތެރެއިން 18 މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ފޮނުވާފައިވާއިރު 11 މައްސަލައެއް ވަނީ ދައުވާ ކުރެވެން ނެތް ކަމަށް ކަނޑައަޅައި އަނބުރާ ފޮނުވާލާފައެވެ.
ގޮންޖެހުންތަކާއި ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށް މިދިޔަ އަހަރުވެފައިވާއިރު އެ ކޮމިޝަނަށް 855 މައްސަލަ މިދިޔަ އަހަރު ހުށައެޅުނެވެ. މިހާތަނަށް ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 2000 އަށްވުރެ މައްޗަށް އަރާފައެވެ.
އޭސީސީގެ ރައީސް، ހަސަން ލުތުފީ ވިދާޅުވެފައިވަނީ ބޮޑެތި މައްސަލަތަކަށް ޚާއްސަ އިސްކަމެއް ދީގެން މިއަހަރު ބަލައި ނިންމުމަށްފަހު ޕީޖީ އޮފީހަށް ފޮނުވުމަކީ އަމާޒެއް ކަމަށެވެ.