ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އުނގޫފާރު ދާއިރާގެ މެމްބަރު، މަރްޙޫމް ޑރ. އަފްރާޝީމްގެ ހަނދާނުގައި ރ.އުނގޫފާރުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ނިންމައި އޭގެ ބިންގާ މިއަދު އަޅައިފިއެވެ.
މިއަދު ހަވީރު އުނގޫފާރުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ މަރްޙޫމް އަފްރާޝީމް ވަނީ ދިވެހި ރާއްޖޭގެ ދީނީ ހާލަތު ރަނގަޅު ކުރެއްވުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ކަމަށާއި މަރުޙޫމަކީ ދީނީ ހިދުމަތްތައް ރާއްޖޭގެ ހުރި އިޖްތިމާއީ މައްސަލަތަކަށް އަމާޒު ކުރެއްވި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ ވާހަކައިގައި ވިދާޅުވެފައިވަނީ މި މަރުކަޒަކީ ރައީސުލް ޖުމުހޫރިއްޔާ ޔާމީން އަބްދުލް ޤައްޔޫމާއި ޑރ. އަފްރާޝީމާއި ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ.
ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ޚަރަދުކޮށް އެޅުމަށް ތައްޔާރުކޮށްފައިވާ މިމަރުކަޒުގައި 1000 މީހުންގެ ނަމާދު ކުރާ ހޯލަކާއި ކްލާސްރޫމްތަކާއި ލައިބްރަރީއެއް ހިމެނޭނެވެ. އެސްޖީ ކޮންސްޓްރަކްޝަން އާއި މަރުކަޒު އެޅުމަށް ހަވާލުކޮށްފައިވާއިރު 510 ދުވަހުގެ ތެރޭގައި މަރުކަޒު ނިންމުމަށް އެއްބަސްވުމުގައި ވެއެވެ.
ޑރ. އަފްރާޝީމް އަކީ ދިވެހި ރާއްޖޭގައި ދީނީ ގޮތުން ޖެހިލުމެއް ނެތި ބުރަކޮށް މަސައްކަތް ކުރި ހިތްވަރުގަދަ ޢިލްމުވެރިޔެކެވެ. އެމަނިކުފާނު އަނިޔާވެރި ގޮތެއްގައި އަވަހާރަކޮށްލާފައިވަނީ ޓީވީއެމްގައި ދީނީ ދަރުސެއް ދެއްވުމަށްފަހު އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައެވެ.