Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

އެމްއާރް ވެކްސިން ޖަހާ ސްޓޭޝަނެއް އެސްޓީއޯ ގައި ހުޅުވައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރާއްޖެއިން މީސެލްސް އާއި ރުބެއްލާ ނައްތާލުމަށްޓަކައި ފަށާފައިވާ ކެމްޕެއިން އަށް ތާއީދު ކުރުމުގެ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި އެމްއާރް ވެކްސިން ދޭ ސްޓޭޝަނެއް ހުޅުވައިފިއެވެ.

އެ ސްޓޭޝަން ހުޅުވުމުގެ މަޤްސަދަކީ އެސްޓީއޯގެ މުވައްޒަފުންނަށް ފަސޭހަކަމާއި އެކު ވެކްސިން ދިނުމުގެ ފުރުސަތު ހުޅުވާލުމެވެ.

ބުދަ ދުވަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސްޓޭޝަން ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު އެވެ.

އެސްޓީއޯ ފަދަ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާ ބޮޑު ކުންފުންޏެއް އެފަދަ ޤައުމީ ކަމެއްގައި ބައިވެރި ވުމަކީ މުހިންމު ކަމެއް ކަމަށައި، އެސްޓީއޯ މުވައްޒަފުން އެ ކެމްޕެއިންގައި ބައިވެރިވެ، ވެކްސިން ލިބިގަތުމަށް އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީރު ވިދާޅުވި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ.

ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ލަނޑުދަނޑިތައް ހާސިލްކޮށް ރާއްޖެއިން އެފަދަ ބަލިތައް ނައްތާލުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެ އިތުރުން މިހާރުވެސް ރާއްޖެއިން މެލޭރިއާ، ފައިލޭރިއާ އަދި ޕޯލިއޯ ނައްތާލެވިފައިވާ ކަމަށް ބުނެ ނާޒިމް ވިދާޅުވީ މި ސަރަޙައްދުން އެންމެ ފުރަތަމަ މީސެލްސް އާއި ރުބެއްލާ ނައްތާލެވޭ ޤައުމަކީ ދިވެހިރާއްޖެ ކަމުގައި ވެގެންދާނެ ކަމަށެވެ.

އެސްޓީއޯ ދަނީ ހެލްތު މިނިސްޓްރީގެ ޕާޓްނަރެއް ގޮތުގައި ސިއްޙީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.