Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

ޤައުމީ ދިދަ ތަންތަނުގައި ނަގާނަމަ ހުއްދަ ހޯދަން ޖެހޭ ގޮތަށް ހަދައިފި

ފޮޓޯ: ހުޅުވިންސް (ފްލިކްއާރް)

ރާއްޖޭގެ ޤައުމީ ދިދަ ތަންތަނުގައި ނަގާނަމަ ހޯމް މިނިސްޓްރީން ހުއްދަ ހޯދަން ޖެހޭ ގޮތަށް ޤަވާއިދެއް ހަދައިފިއެވެ.

އެގޮތުން އިއްޔެ ހޯމް މިނިސްޓްރީ އިން ގެޒެޓް ކޮށްފައިވާ އެ އުސޫލުގައި 24 ގަޑިއިރު ދިދަ ނަގާފައި ބަހައްޓަން ޖެހޭ ތަންތަނާއި، ހެނދުނު 06:00 އިން ހަވީރު 06:00 އަށް ދިދަ ނަގާފައި ބަހައްޓަން ޖެހޭ ތަންތަން ކަނޑައަޅާފައި ވެއެވެ. އެނޫން ތަންތަނުގައި ޤައުމީ ދިދަ ނަގާނަމަ، ލިޔުމަކުން ހޯމް މިނިސްޓްރީގެ ހުއްދައަށް އެދި ހުށައަޅަން ޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ވެއެވެ.

އެ އުސޫލުގައި ވާގޮތުން 24 ގަޑިއިރު ދިދަ ނަގާފައި ހުންނަން ޖެހޭ ތަންތަނަކީ:

  • ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް
  • ރިޔާސީ ގަނޑުވަރު
  • ރައީސުލްޖޫމްހޫރިއްޔާގެ ނައިބު ހުންނަވާ ރަސްމީގެ
  • ރައްޔިތުންގެ މަޖިލިސް ކުރާގެ
  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
  • ދިވެހރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު
  • މޯލްޑިވްސް ޕޮލިސް ސާވިސްގެ މައި މަރުކަޒު
  • ސިޓީ ކައުންސިލްތަކުގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތައް
  • މީގެ އިތުރުންވެސް ސަރުކާރުން ކަނޑައަޅާ ތަންތަން
  • އަނދިރި ވަރުގުތަކުގައި އެތަންތަނުގައި ދިދަ ނަގާފައި ހުންނަން ޖެހޭނީ ދިދަ ރީއްޗަށް ފެންނާނެހެން އަލިކޮށްފައި ކަމަށް އެ އުސޫލުގައި ބުނެއެވެ.

    ހެނދުނު 06:00 އިން ހަވީރު 06:00 އަށް ދިދަ ނަގާފައި ހުންނަން ޖެހޭ ތަންތަނަކީ:

  • ދައުލަތުގެ މުއައްސަސާތައް
  • ސަރުކާރު އޮފީސްތަކާއި ކުންފުނިތައް
  • ސިޔާސީ ޕާޓީއެއްގެ އޮފީހެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ އޮފީސްތައް
  • އެ އުސޫލުގައި ވާގޮތުން ޤައުމީ މުނާސަބަތުތަކުގައި އާއި ޤައުމީ ޝުއޫރު ފާޅުކުރާ ކޮންމެ ތަނެއްގައި ވެސް ދިދަ ނެގުން ހުއްދަ ވާނެއެވެ. އަދި ހިނގާލުންތަކުގައި އާއި އެއްވުންތަކުގައި ވެސް ދިދަ ބޭނުންކުރުމަކީ ހުއްދަ ކަމެކެވެ.

    މީގެ އިތުރުންވެސް އެ އުސޫލުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދިދަ ނުވަތަ އެ ދިދައާއި ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

    ހޯމް މިނިސްޓްރީއިން ގެޒެޓް ކޮށްފައިވާ އުސޫލުގައިވާ ގޮތުން އެ އުސޫލު ހެދުމުގެ މަޤްސަދަކީ ޤައުމީ ދިދައަށް ހުރުމަތްތެރިކޮށް ހިތުމުގެ އިތުރުން އެ ދިދަ ބޭނުންކުރެވޭނެ ތަންތަނާއި، ބަހައްޓަންވީ ގޮތް އަދު ބޭނުން ކުރުމުގައި ގެންގުޅެންވީ ހަމަތައް ބަޔާންކޮށް ދިނުމެވެ.