ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާ ކަމަށް ޤަބޫލުކުރެވޭ ބަރުދަނުގައި 500 ކިލޯގްރާމް ހުރި މިޞްރުގެ އަންހެނެއް ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
މުމްބާއީގެ ސައިފީ ހޮސްޕިޓަލްގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި އުމުރުން 36 އަހަރުގެ އީމާން އަހްމަދު އަބްދް އަލް އަތީ ވަނީ ޖެނުއަރީ ގައި އިންޑިއާ އަށް އައުމަށްފަހު 100 ކިލޯ ލުއިކޮށްފައި ކަމަށެވެ.
"ވީހާވެސް އަވަހަށް އޭނާއަށް އެނބުރި މިޞްރަށް ދެވޭނެ ވަރު ވޭތޯ އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން"، ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވެއެވެ.
ޗާޓާޑް ފްލައިޓަކުން މުމްބާއީ އަށް އައުމުގެ ކުރިން އޭނާ ގެއިން ނުނިކުންނަތާ 25 އަހަރު ވެދާނެ ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
ހޮސްޕިޓަލްގެ ތަރުޖަމާނާއި ހަވާލާދީ ބީބީސީ އިން ރިޕޯޓް ކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި އޭނާ ބަރުދަން އިތުރަށް ލުއިކުރާނެ ކަމަށް ޤަބޫލު ކުރެވެއެވެ.
ބޭރިއެޓްރިކް ސާޖަން ކަމަށްވާ ޑރ. މުފައްޒަލް ލަކްޑަވާލާގެ އިސްނެގުމުގެ މަތިން އެ އަންހެން މީހާގެ އޮޕަރޭޝަން ކޮށްފައި ވަނީ ޑޮކްޓަރުންގެ ޓީމަކުންނެވެ.
ބޭރިއެޓްރިކް ސާޖަރީ ނުވަތަ ބަރުދަން ލުއިކުރުމަށް ކުރާ އޮޕަރޭޝަނަކީ ނުރައްކާތެރި މިންވަރަކަށް ފަލަވެފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި، އެހެން އެއްވެސް ގޮތެއް ނެތުމުން ކުރާ ސާޖަރީ އެކެވެ.
އަބްދް އަލް އަތީގެ އާއިލާއިން ބުނާގޮތުގައި އޭނާ އުފަންވިއިރުވެސް ބަރުދަނުގައި 5 ކިލޯގްރާމް ހުރިކަމަށާއި އަދި އެލެފެންޓައިއާސިސް ނަމަކަށް ކިޔާ ބައްޔަކަށް ޑައިގްނޯޒް ކުރެވުނު ކަމަށެވެ. އެލެފެންޓައިއޭސިސް އަކީ ޕެރެސައިޓިކް އިންފެކްޝަނެއްގެ ސަބަބުން މީހެއްގެ އަތާއި ފައި އަދި އެހެނިގެން ގުނަވަންތައް ދުޅަވުމަށް ދިމާވާ ހާލަތަކަށް ކިޔާ ނަމެއް ކަމަށްވެސް ޑޮކްޓަރު ބީބީސީއަށް ފޯނުންދިން ބަސްދީގަތުމެއްގައި ބުންޏެވެ.
"އެމީހުން ބުނީ އޭނާއަށް 11 އަހަރު ވީއިރު އޭނާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވި ކަމަށާއި އޭގެ ސަބަބުން އޭނާއަށް ކޮޅަށް ނުތެދުވެވޭ ކަމަށާއި އަދި ނުފިރުކެވޭ ކަމަށް. ދެން އެއަށްފަހު އޭނާއަށް ސްޓްރޯކެއް ޖެހި އެނދުމަތި ކުރަން ޖެހުނު ކަމަށާއި އޭގެ ފަހުން ގެއިން ނުކުމެވޭ ގޮތް ވަނީ ނުވެފަ ކަމަށް"، ޑޮކްޓަރު ވިދާޅުވިއެވެ.
އަބްދް އަލް އަތީއަށް އަޅާލައި އުޅެނީ އޭނާގެ މަންމައާއި ދައްތައެވެ.