Last Updated: July 4, 06:42
Friday, July 4, 2025
ސިޔާސީ

"ޖަލު ހުކުމެއްގެ ބިރު ދެއްކިޔަސް އުތުރު ދާއިރާގެ ގޮނޑިއެއް ނުލިބޭނެ"

ސޯބެ ކަންމަތީ ބައްދަލުވުމުގައި. ފޮޓޯ: އަސްލަމް ޕޭޖް

އައްޑޫ ސިޓީ ކައުންސިލްގެ އިންތިޚާބު ބޯމަތިވެފައިވާއިރު ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ ދާއިރާއަށް އެމްޑީޕީ އިން ކުރިމަތިލާފައިވާ އަަބްދުﷲ ސޯދިޤް (ސޯބެ) ގެ މައްޗަށް އުފުލާފައިވާ ދައުވާއެވެ.

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުން ސިފަކުރާ ގޮތުގައި އެއީ، ސީދާ ގޮނޑި އަތުލުމަށް އުފުލާފައިވާ ސިޔާސީ ދައުވާއެކެވެ. އެހެން ނަމަވެސް އެމީހުން ބުނާ ގޮތުގައި އަމާޒަކީ ބޮޑު އަޤްލަބިއްޔަތަކާއި އެކު އިންތިޚާބު ކާމިޔާބު ކުރުމެވެ.

" ޖަލަށް ލާފާނެތީ ބިރުން މި މޭޔަރަށް ވޯޓު ނުދޭނެ އެންމެ މީހަކު ވެސް ނުހުންނާނެ. ސޯބެ އާއި އިތުރު ދާއިރާގެ ރައްޔިތުންނާއި ދެމެދު އޮތީ ހިތާއި ހިތުގެ ގުޅުމެއް. މި ދާއިރާގެ އެމްޑީޕީ މެންބަރުންގެ ހިތްވަރު ނޭނގޭ ސިޔާސީ މީހަކު ނުހުންނާނެ"، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރަކު ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރުން ބުނާ ގޮތުގައި ސޯބެގެ މައްޗަށް އުފުލި ދައުވާ އާއި އެކު އެމީހުން "އެކްޓިވޭޓް" ވެފައިވާ ކަމަށާއި އިންތިޚާބީ ފޯރި ގަދަވެއްޖެ ކަމަށެވެ.

ފާއިތުވި މާޒީއަށް ބަލާއިރު، ހިތަދޫ އުތުރު ދާއިރާގައި ބޭއްވި އެއްވެސް އިންތިޚާބެއްގައި އެމްޑީޕީގެ މައްޗަށް އެހެން ޕާޓީއަކަށް ކުރި ހޯދިފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވެސް ކަން އޮތީ އެގޮތަށެވެ.

ސޯބެ މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ކުރާ ދައުވާއަކީ އަސްލެއް ނެތް، ސިޔާސީ ދައުވާއެއް ކަމަށާއި އެ ދައުވާގެ ބޭނުމަކީ އޭނާއަކީ ކޮރަޕްޓް މީހެއްކަން ދެއްކުން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައިވާ ގޮތުގައި، އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއީޒު ފައިދާއެެއް ހޯދައި ދިން ކަމަށް ބުނެ ދައުވާ ކުރަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާތީ، ކެންޑިޑެސީ ބާތިލްކޮށްލުމަށް ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ސޯބެ ފާއިތުވި 2 ދައުރުގައި ވެސް އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުވެފައި ވަނީ ވަރަށް ތަނަވަސް އަޤުލަބިއްޔަތަކާއި އެކުގައި ކަން ފާހަގަކޮށްލެވެެއެވެ.

މިފަހަރުގެ އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރ ކަމަށް ސޯބެގެ އިތުރުން ވާދަކުރަނީ، ޕީޕީއެމްގެ ފަރާތުން ޝަފާއަތު މުހައްމަދެވެ.