އެންދެމުމަށް ޑައިވް ކުރި މަސްވެރިޔަކު ޑީކޯ ވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑީކޯ ވެގެން ފަރުވާދެމުން ދަނީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ މުހައްމަދު ޝާހިދް (ޝާޑު)ގެ އަމިއްލަ މަސްދޯނި ކަމަށްވާ "ޖޫލީ" ދޯނީގެ ފަޅުވެރިޔަކަށެވެ.
ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެ މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ޝަންގްރިއްލާގެ ޗެމްބަރގައި ކަމަށާއި، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އަނެއްކާވެސް ޝަންގްރިއްލާއަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
"މިހާރު އެމީހާގެ ހާލު ރަގަޅުވަމުން އަންނަނީ. އަނެއްކާވެސް ޝަންގްރިއްލާގެ ޗެމްބަރ އަށް ބަދަލުކުރުމަށް ނިންމާފައި ވަނީ."
ޑީކޯ ޖެހޭ ފަރާތްތަކަށް ފަރުވާ ދެވޭގޮތަށް ރާއްޖޭގައި މިވަގުތު ހުރީ އެންމެ ތިން ޗެމްބަރެވެ. އެއީ ކުރެއްދޫގެ ޗެމްބަރާއި، ޝަންގްރިއްލާގެ އިތުރުން، ބަނޑޮހުގައި ހަދާފައިވާ ޗެމްބަރެވެ.
ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) އަކީ ޑައިވް ކުރުމުގެ ތެރޭގައި ދިމާވާ ސިއްހީ މައްސަލައެއްގެ ސަބަބުން ހަށިގަނޑަށް ދިމާވާ ހާދިސާއެކެވެ. އެކަމުގެ ސަބަބުން ވާގި ދިއުމާއި މަރުވުން ފަދަ ހާދިސާތައް ދިމާވެއެވެ.