ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުން ފިއްލަވަން އުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް އަދީބުގެ އާއިލާއިން ދޮގުކޮށްފިއެވެ.
އަދީބުގެ ވަކީލުން ނެރުނު ނޫސް ބަޔާނުގައި ބުނީ މާފުށީ ޖަލުން ފިއްލަވަން އެއްވެސް އިރެއްގައި އަދީބު މަސައްކަތްޕުޅު ކުރައްވާފައި ނުވާ ކަމަށެވެ.
އަދީބުގެ ވަކީލުން ބަޔާނެއް ނެރެފައި މިވަނީ، މާފުށީ ޖަލުގައި ހުއްޓައި އަދީބު ދޫނިދު އަށް ބަދަލުކުރީ، ފިއްލަވަން އުޅުއްވާތީ ކަމަށް ސަރުކާރުގެ އޮފިޝަލަކާ ހަވާލާ ދީ "ވީ ނިއުސް" ގައި ޖެހި ހަބަރަކާއި ގުޅިގެންނެވެ.
ދޫނިދޫ ޖަލަށް އަދީބް ބަދަލުކޮށްފައި ވަނީ ފިލަން މަސައްކަތް ކުރާތީ ކަން ފުލުހުންގެ ފަރާތުން ނުވަތަ ކަރެކްޝަންސް އިން ވެސް އަދީބަށް ނުވަތަ އޭނާގެ އާއިލާ އަށް ވެސް އަންގާފައި ނުވާކަމަށް އެ ބަޔާނުގައިވެއެވެ.
ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސޮއިކުރައްވައި ކަރެކްޝަނަލް ސާވިސް އަށް ފޮނުއްވި ސިޓީއަކާ ގުޅިގެން އަދީބު ދޫނިދު އަށް ބަދަލުކުރީ، ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ.
ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު، ދޫނިދޫ ޖަލަށް ބަދަލު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމުގައި ބައެއް ޤާނޫނީ ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.