ސޯޝަލް މީޑިއާގައި ހަގީގަތާއި ހިލާފް ވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ފިތުނަފަސާދަ އުފެއްދުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުގައި މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް)ގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.
ލޫކަސްގެ ފޯނާއި، ސިމްކާޑް އަދި މެމޮރީކާޑް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ މިއަދު މެންދުރު 14:30އަށް ފުލުހުންގެ މައި މަރުކަޒަށް ގެންދިއުމަށްފަހު ކޯޓު އަމުރެއްގެ ދަށުންނެވެ. ލޫކަސް މިއަދު ފުލުހަށް ހާޒިރު ކުރީ ފުލުހުންގެ ސެންސިޓިވް އެންޑް ކޮންފިޑެންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށެވެ. ނަމަވެސް ފުލުހުން ބަލަމުންދާ މައްސަލައެއް ހާމަކޮށްފައި ނުވެއެވެ.
ލޫކަސްގެ ފޯނު ހިފެހެއްޓިއިރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބްގެ ފޯނުވެސް ވަނީ ފުލުހުން ހިފަހައްޓާފައެވެ.
ލޫކަސް އާއި ޠޮއްޔިބްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައި މިވަނީ ސައުދީ ސަރުކާރުން ފ އަތޮޅުގައި ބިޔަ އިންވެސްޓެއް ކުރުމަށް އެއަތޮޅު ގަންނަކަމަށް ސޯޝަލް މީޑިއާގައި ގަދައަށް ހަބަރު ފެތުރިފައިވަނިކޮށެވެ.
ލޫކަސް ވަނީ މީގެ ކުރިންވެސް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް ބަންދުކޮށްފައެވެ.