Last Updated: June 25, 20:21
Thursday, June 25, 2026
ސިޔާސީ

"ވަކި ފަރާތަކަށް އަމާޒުކޮށްގެން ގާނޫނާއި ގަވާއިދު ބަދަލު ކުރުމަކީ ދުނިޔެވީ އުސޫލެއް ނޫން"

ވަކި ފަރާތަކަށް އަމާޒުކޮށްގެން ގާނޫނާއި ގަވާއިދަށް ބަދަލު ގެނައުމަކީ ދުނިޔެ ގަބޫލް ކުރާ އުސޫލެއް ނޫންކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް މައުމޫން ފެކްޝަންގެ އޮފީހުގައި ނަގާފައިވާ ދިވެހި ގައުމީ ދިދަ ނެގުމަށް ފުލުހުން އެދިފައިވަނިކޮށް މައުމޫން ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވަނީ ވަކި ފަރާތަކަށް އަމާޒުކޮށްގެން ގާނޫން ބަދަލު ކުރުމަކީ ދުނިޔެވީ އުސޫލެއް ނޫންކަމަށެވެ.

މައުމޫން އެ ޓްވީޓް އަމާޒު ކުރައްވާފައިވަނީ ކޮންކަމަކާއި ގުޅޭ ގޮތުން ކަމެއް ހާމަކުރައްވާފައި ނުވެއެވެ. ނަމަވެސްް މި ސަރުކާރުން އަންނަނީ ވަކިވަކި ކަންކަމަށް އަމާޒުކޮށް ގާނޫނާއި ގަވާއިދަށް ބަދަލު ގެންނަމުންނެވެ. އެގޮތުން ނައިބް ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަކި ކުރެއްވުމަށާއި ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު ފާއިޒު ހުސެއިންގެ މަގާމު ގެއްލިފައިވަނީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ.

ހޯމް މިނިސްޓްރީން ބުދަ ދުވަހު އާންމުކޮށްފައިވާ ދިވެހި ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލުގައި ބުނެފައިވަނީ ދިވެހި ދިދައަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވުމުން މި އުސޫލަކީ ގައުމީ ދިދައަށް ހުރުމަތްތެެރިކޮށް ހިތުމަށްްޓަކައި، ދިވެހި ދިދަ ބޭނުންކުރެވޭނެ ތަންތަނާއި، ދިދަ ބަހަންޓަންވީ ގޮތް، އަދި ދިދަ ގެންގުޅުމުގައި ބޭނުންކުރަންވީ ހަމަތަކާއި މިންތައް ބަޔާންކުރާ އުސޫލުކަމަށެވެ.

މިއަދު އާންމުކުރި އުސޫލުގައި ދިވެހި ދިދަ ހުންނަގޮތާއި، ދިދަ ބޭނުންކުރެވޭނެ މިންތަކާއި، ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ބަހަންޓަންޖެހޭ ތަންތަން ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރަށް މި އުސޫލުގައި ވަކި ވަގުތުތަކުގައި ދިދަ ނަގާފައި ހުންނާނެ ތަންތަނާއި، ދިދަ ނެގުމުގައި ހުއްދަ ހޯދުމާއި، އާންމުގޮތެއްގައި ދިދަ ބޭނުންކުރާނެ ގޮތާއި، އެހެން ދިދައަކާއިއެކު ގައުމީ ދިދަ ބޭނުންކުރާނެ ގޮތާއި، ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަންވާނެ ގޮތް ވަނީ ބަޔާންކޮށްފައެވެ.