ދިވެހި ސަރުކާރުން އިތުރު 5 އެއާޕޯޓު ފަސް ރަށެއްގައި ތަރައްގީ ކުރުމަށް ނިންމާފައިވާއިރު އެއާޕޯޓު އަޅައި ނިންމާ ވަރަކުން މޯލްޑިވިއަންގެ އިތުރު ފްލައިޓުތައް ގެންނާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.
ރާއްޖޭގައި މިހާރު ޖުމުލަ 11 އެއާޕޯޓެއްގައި ފުލައިޓު ޖައްސާއިރު އެންމެ އަވަހަށް ހުޅުވުމަށް ހަމަޖެހިފައިވަނީ ކުޑަހުވަދޫ އެއާޕޯޓެވެ. މިއެއާޕޯޓު މިމަހު ތެރޭގައި ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
12 އެއާޕޯޓުގައި ދަތުރުކުރުމަށް މޯލްޑިވިއަންގެ 20 ފްލައިޓު މިހާރު އުދުހެމުންދާއިރު އާ ފަސް އެއާޕޯޓާއެކު އިތުރު ފްލައިޓުތައް ގެނެސް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ގައުމީ އެއާލައިނުން ބުނެފައިވެއެވެ.
މޯލްޑިވިއަންގެ ޓިކެޓުތައް އަގުބޮޑުވުމާއި އާންމުގޮތެއްގައި ޑިލޭ ވުމަކީ ކަސްޓަމަރުން އެންމެ ބޮޑު ޝަކުވާއެވެ. އާ ފްލައިޓުތައް ގެނައުމުން ފްލައިޓު ޑިލޭ ވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ. އަދި މިހާރުވެސް ފުރުމުގެ ދުވަސްތަކެއް ކުރިން ޓިކެޓު ނެގުމުން އަގުހެޔޮ ފެއާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށް އިތުރުކޮށްފައިވެއެވެ.