Last Updated: April 30, 14:02
Wednesday, April 30, 2025
ރިޕޯޓް

ކަނޑުތައް ހޫނު ވަނީ ހީކުރި ވަރަށް ވުރެ ބޮޑަށް!

ކަނޑުގެ ހޫނުމިން ދަނެގަތުމަށް ބޭނުންކުރާ ފްލޯޓް: ފޮޓޯ-ސިސްރޯ

މިއަދުގެ ދުނިޔޭގައި ކާބަން އަދި ފޮސިލް ފިއުލްސް ބޭނުންކުރަމުންދާ ނިސްބަތް އިތުރުވަމުންދާއިރު އޭގެ ނޭދެވޭ އަސަރުތައް ތަހައްމަލް ކުރަން ޖެހެނީ އިންސާނުންނަށް ވުރެ ބޮޑަށް ކަނޑުތަކާއި ދުނިޔޭގެ މާހައުލެވެ.

ކާބަންޑައޮކްސައިޑް ޖައްވުގެ ތެރޭގައި ހުންނަން ޖެހޭ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު މީގެ ސަބަބުން މުޅި ދުނިޔެ އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ހޫނުވަމުންނެވެ.

ސައިންސުވެރިން މީގެ ކުރިން އަންދާޒާ ކުރި ބާރުމިނުގައި ހޫނުވަމުންދާ ނަމަ އިންސާނުންނަށް އަދިވެސް ދުނިޔެ ސަލާމަތްކުރުމުގެ ފުރުސަތެއް އެބައޮތެވެ. އެހެންނަމަވެސް އެންމެ ފަހަކަށް ހެދުނު ރިސާޗްތައް ދައްކާ ގޮތުގައި ކަނޑުތައް ހޫނުވަމުންދަނީ އަންދާޒާ ކުރިވަރަށްވުރެ މާބޮޑުތަން އަވަހަށެވެ.

މީގެ ސަބަބުން އިންސާނުންނަށް ސީދާގޮތުން ކުރާ އަސަރުތައް ކުޑަ ނަމަވެސް ކަނޑު ހޫނުވުމަކީ ކަނޑުގެ ފަޅުތަކާއި މުރަކަތަކަށް އޭގެ ސީދާ އަސަރުތައް ކުރާނެ ކަމެކެވެ. މުރަކަ މަރުވުން ނުވަތަ "ކޮރަލް ބްލީޗިންގ" ގެ ސަބަބުން މިދިޔަ އަހަރުވެސް ވަނީ އެތައް ދުވަހެއް ކުރިން ހެދިފައި ހުރި މުރަކައިގެ ބަގީޗާތައް އެކީއެކަށް މަރުވެ ނެތިގެން ގޮސްފައެވެ.

ކަނޑުގެ ހޫނު ދެނެގަތުމަށް 2005 ވަނަ އަހަރުން ފެށިގެން ސައިންސްވެރިން ބޭނުންކުރަމުން އަންނަނީ އުފުލާފައި އޮންނަ ސެންސިންގ ޑިވައިސްތަކެކެވެ. މި ސިސްޓަމް ކަނޑުގެ އަޑިއަށްގޮސް މައްޗަށް އަރާއިރު ކަނޑުގެ ހޫނުމިން ރިކޯޑު ކުރެއެވެ. 2000 މީޓަރު އަޑީގެ ހޫނުމިން ވަނީ ރެކޯޑުކޮށްފައެވެ.

މީގެއިން ހޯދި ހޯދުމުން ދައްކާގޮތުގައި ސައިންސުވެރިން ކުރިން ހީކުރިވަރަށްވުރެ %13 އިތުރަށް ދުނިޔެ ވަނީ ހޫނުވެފައެވެ. އަދި ދުނިޔެ ހޫނުވަމުން އަންނަ ބާރުމިން ވަނީ ހީކުރިވަރަށްވުރެ ދެގުނަ އިތުރުވެފައެވެ. 1990 ވަނަ އަހަރުން ފެށިގެން ދުނިޔެއިން ބޭރުވާ ހޫނު ވަނީ ކަނޑުގެ 700 މީޓަރު އަޑިއަށް ފޯރާފައެވެ.

މީގެ އިތުރުން ދެކުނު ކަނޑުތައް ހޫނުވެފައިވާ މިންވަރު ދުނިޔޭގެ އެހެން ކަނޑުތަކާއި އަޅާބަލާއިރު އިތުރެވެ. އިންޑިއާ ކަނޑާއި އެޓްލާންޓިކް ކަނޑޫ ހޫނުވާން ފެށީ ވަރަށް ފަހުންނެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި ފަހަކަށް އައިސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި އުދައެރުން ފަދަ ގުދުރަތީ ކާރިސާތަކަކީ މީގެ ނަތީޖާއެވެ.