ރާއްޖޭގައި ހިންގާ އެންމެ ފުރަތަމަ އިންޓަނޭޝަނަލް ރިއަލިޓީ ޝޯ ކަމަށްވާ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ގާލާ ރައުންޑްގައި ވަރަށް ހިތްގައިމު ލަވަތަކެއް ހުޅައަށައި ދީފައިވާ ޝަޒާ އަބްދުﷲ ރަޝީދު މުބާރާތުން ކަޓައިފިއެވެ.
ޝަޒާ މުބާރާތުން ކަޓާފައި ވަނީ ޖަޖުންގެ މާކުހާއި ބެލުންތެރިންގެ ވޯޓް އެއްކޮށްލުމުން އެންމެ މަދުން މާކްސް ލިބުނު ފަރާތަށް ވުމުންނެވެ.
ޝަޒާ ކަޓައިގެން ދިއުމާއިއެކު މިހާރު މުބާރާތުގައި ތިބީ ޖުމްލަ 10 ބައިވެރިންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ އަންހެން ބައިވެރިއެކެވެ. އެއީ ސ. ހުޅުދޫ އަށް ނިސްބަތްވާ އައިޝަތު ޖައިޝާ (ޖައި) އެވެ.
ރޭ ބޭއްވި ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝިފާ ތައުފީގް ގެ ލަވަތަކަށް ހުރިހާ ބައިވެރިންވެސް ވަނީ ޑުއެޓް ލަވަތައް ހުށައަޅައި ދީފައެވެ.
ރޭގެ ޝޯގައި މޯލްޑިވިއަން އައިޑޯލްގެ އަންހެން ޖަޖު މަރިޔަމް އުނޫޝާ (ކިޑީ) އާއި ޝޯގެ ޕްރެޒެންޓަރު ކަމަށްވާ ލަމްހާ ލަތީފް ވެސް ވަނީ ލަވައެއް ހުށައަޅާ ދީފައެވެ.