Last Updated: June 30, 13:05
Tuesday, June 30, 2026
މުނިފޫހިފިލުވުން

"މެޝިން" ގެ ލަވަތައް ޗާޓްތައް މުގުރަނީ

އައްބާސްގެ ފިރިހެން ދަރިފުޅު މުސްތަފާގެ ޑެބިއު ފިލްމް ކަމަށްވާ އައްބާސް-މުސްތާންގެ ފިލްމް "މެޝިން" ގެ ލަވަތައް ދަނީ ބޮލީވުޑްގެ ޗާޓްތަކުން ވަނަ ހޯދަމުންނެވެ.

އެގޮތުން އެފިލްމްގެ ޓްރެއިލާ ރިލީޒް ކުރުމުގެވެސް ކުރިން ދައްކާލި އެފިލްމްގެ ރޮމޭންޓިކް ލަވަ "އިތުނާ ތުމޭ" ވަނީ ގިނަ ބައެއްގެ ޝައުޤުވެރިކަން ހޯދާފައެވެ.

އެއަށްފަހު އެފިލްމްގެ ދެވަނަ ލަވަ ކަމަށްވާ "ޗަތުރް ނާރް" ވެސް ވަނީ ރިލީޒް ކޮށްފައެވެ. މުސްތަފާ އާއި ފިލްމުގެ އަންހެން ލީޑް ކަމަށްވާ ކިއާރާގެ ވަރަށް ހިތްގައިމު ސްޓެޕްތަކެއް ފެނިގެންދާ އެލަވަ ކޮރިއޯގްރާފް ކޮށްދީފައި ވަނީ ބޮސްކޯ-ސީޒާ އެވެ.

ތިން ވަނަ ލަވައެއްގެ ގޮތުގައި ރިލީޒް ކޮށްފައި ވަނީ 90 ގެ އަހަރުތަކުގައި ބޮލީވުޑްގެ ޗާޓްތައް މުގުރާލި ލަވަ "ތޫ ޗީޒް ބަޅީ ހޭ މަސްތު މަސްތު"، ތަފާތު ގޮތަކަށް ރީބޫޓް ކޮށްފައެވެ. "މެޝިން" ގެ ލަވަ ސެޓް ފުރިހަމަ ކޮށްދޭ އެންމެ ފަހު ލަވައަކީ ޖުބިން ނޯޓިޔާލްގެ އަޑުން ކިޔައިދީފައިވާ ލަވަ ކަމަށްވާ "ތޭރާ ޖުނޫން" އެވެ.

ފިލްމުގެ މިއުޒިކާއި ބެހޭގޮތުން ވާހަކަ ދައްކަމުން އައްބާސް-މުސްތާން ބުނެފައި ވަނީ ފިލްމްގެ ލަވަތަކަށް ވަރަށް ޕޮޒިޓިވް ފީޑްބެކް އެއް ލިބިފައިވާ ކަމަށެވެ.

އެންމެ ފަހުން ރިލީޒް ކުރެވުނު އެފިލްމްގެ ލަވަތައް ކަމަށްވާ "ބްރޭކް-އެން ފެއިލް" އާއި "ތޫ ހީ ތޯ މޭރާ" ވެސް ދަނީ ވަރަށް އަވަހަށް މީހުންގެ ތެރޭގައި މަޤްބޫލްކަން ހޯދަމުންނެވެ.

ހަރޭޝް ޕަޓޭލް، ޕްރަނޭ ޗޯކްޝީ، ދާވަލް ޖަޔަންތިލާލް ގާޑާ އަދި އައްބާސް-މުސްތާން އެކުގައި ޕްރޮޑިއުސް ކުރާ ފިލްމް "މެޝިން" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ.