Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އެމްޑީޕީ ޖަގަހަ މާރާމާރިގައި މީހަކު ހައްޔަރެއް ނުކުރޭ

އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ގްރޫޕަކުން ވަދެ އެތަނުގައި ތިބި ބަޔަކާ މާރާމާރީ ހިންގި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް 'އައްޑޫލައިވް' އަށް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ހިނގި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާ ކަމަށެވެ.

ނަމަވެސް ރަށުތެރެ ހަލަބޮލި ވުމާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުގެ ހާލަތުގައި ތިބި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެމީހުންނާއި ފޭދޫ އެމްޑީޕީ އޮފީހުގައި ހިނގި މާރާމާރީ އާއި ގުޅުމެއް އޮތްތޯ ބަލަމުން ގެންދާ ކަމަށެވެ.

'އައްޑޫލައިވް' އަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 01:30 އެހާކަންހާއިރު، ފޭދޫގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ދެ މީހަކު ވަދެ، އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު އަހުމަދު މިރުޒާދު އާއި އެމްޑީޕީ ފޭދޫ ދާއިރާގެ ރައީސް މުހައްމަދު ނިހާދު އިތުރުން ފިރާގު ކިޔާ މީހެއްގެ ނަން ބުނެ އެމީހުން ކޮބައިތޯ އަހައި އެތަނުގައި ހުރި މީހަކަށް ވަނީ ހަމަލާދީ ޒަޚަމްކޮށްލާފައެވެ.