Last Updated: April 26, 17:40
Friday, April 26, 2024
ދީން

ނޫރުލް އިސްލާމްގެ ވަފުދެއް މައްކާ އަށް

ނޫރުލް އިސްލާމްގެ ފަރާތުން 2011 ވަނަ އަހަރު ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތުގައި ޝައިހް އަނީލް، ނޫރުލް އިސްލާމުން އަންނަނީ ދީނީ ގިނަ ހަރަކާތްތައް ހިންގަމުން. ފޮޓޯ: ނޫރުލް އިސްލާމް

ހިތަދޫ ނޫރުލްއިސްލާމް ޖަމްޢިއްޔާއާއި ސަޢުދީ ޢަރަބިއްޔާގެ وزارة الشؤون الإسلامية ގެ މައްކާގެ ގޮތްޕެއް ކަމަށްވާ المكتب التعاوني للدعوة والإرشاد وتوعية الجاليات بجنوب مكة ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް، ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ވަފްދެއް މި މަހުގެ 15 ގައި މައްކާއަށް ދާން ހަމަޖެހިއްޖެ އެވެ.

ނޫރުލް އިސްލާމުން ބުނީ މި ދަތުރަކީ ޢިލްމީ އަދި ތަރުބަވީ ޕްރޮގްރާމްތަކާއި، އެކިއެކި ފަންނީ ވޯކްޝޮޕްތަކާއި، ތަޖުރިބާތައް ޙިއްޞާކުރުމަށް ކުރާ ދަތުރެއް ކަމަށެވެ.

މީގެ އިތުރުން ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސާތައް ހިންގުމުގައި އިދާރީ އަދި ފަންނީ ދާއިރާތަކުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ބައެއް ވޯކްޝޮޕްތައް ކުރިއަށް ގެންދިޔުމަށް މަޖެހިފައިވާ ކަމަށް ވެސް އެޖަމިއްޔާ އިން ބުނެ އެވެ.

މައްކާ އަށް ކުރާ ދަތުރުގައި އައްޑޫގެ ދީނީ ޢިލްމުވެރީންނާއި، ދާޢީންގެ އިތުރުން އިސްލާމީ ދަޢުވަތުގެ މައިދާނުގައި އައްޑޫގައި ހަރަކާތްތެރިވާ ބައެއް ޚާއްޞަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގޭ މިޕްރޮގްރާމްގައި، 11 ޢިލްމުވެރިއަކާއި ދީނީ ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ 11 ބޭފުޅުންނާއެކު ޖުމްލަ 22 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މައްކާގައި މި މަހުގެ 16-27 އަށް ކުރިއަށްދާ މި ޕްރޮގްރާމުގެ މަޤްޞަދުތަކުގެ ތެރޭގައި ދީނީ ޢިލްމުވެރީންނާއި ދާޢީންނާއި ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި އޮންނަން ޖެހޭ ގުޅުމާއި އެކުވެރިކަން އާލާ ކުރުމާއި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން އިޖްތިމާޢީ މަސައްކަތްތައް ކޮށްއުޅުމުގެ އާ ދޮރުތައް ހުޅުވައި ދިނުމާއި، އިސްލާމްދީނުގެ ޚިދުމަތުގައި ޢިލްމީ، ތަރުބަވީ، ދަޢަޥީ ދާއިރާތަކުން ޢިލްމުވެރީންނާއި ދާޢީންގެ މަޢުލޫމާތާއި ހުނަރާއި ޤާބިލުކަން މުއްސަނދި ކުރުމާއި، އިތުބާރު ހުރި ބޮޑެތި ޢިލްމުވެރީންނާއި ގުޅުން ޤާއިމުކޮށް މުޢާމަލާތް ކުރުމަށް ފަސޭހަކޮށް ދެނިވި ދޮރެއް ހުޅުވާލުމާއި، ޙައްޤުގެ މަގުގައި ޘާބިތުވެ ތިބުމަށް ބާރުއަޅައި، އިސްލާމްދީނަށް ޚިދްމަތް ކޮށްދިނުމުގެ ދާއިރާ ފުޅާކުރުން ހިމެނެ އެވެ.

މިދަތުރުގައި ބައިވެރިވެ ވަޑައިގަންނަވާ ނޫރުލްއިސްލާމްގެ ދީނީ ޢިލްމުވެރިންގެ ތެރޭގައި ޖަމްޢިއްޔާގެ ރައީސް އައްޝައިޚް މުޙައްމަދު އަނީލް އާއި، ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް ޙަސަން ލަޠީފް މޫސާ އާއި، ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބުރައީސް، އައްޝައިޚް ޢަބްދުއްޞަމަދު މުޙައްމަދުގެ އިތުރުން، އައްޝައިޚް މުޙައްމަދު ޝަމްޢޫން ، އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު ، އަލްއުސްޠާޛް އަޙްމަދު ނިޡާމް ، އައްޝައިޚް ޢަލީ ޝައުޛޫން ، އައްޝައިޚް މުޙައްމަދު މުޢާޛު ރަޝީދު، އައްޝައިޚް މުޙައްމަދު ޢާމިރު، އައްޝައިޚް މުޙައްމަދު ނިޔާޒް އާއި އައްޝައިޚް ޢަލީ އަންވަރު ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ޖަމްޢިއްޔާގެ އިދާރީ ކޮމިޓީގެ ރައީސް، އަދި ޖަމްޢިއްޔާގެ ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު ނިހާދު ޖަމާލު އާއި، ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އިބްރާހީމް މަމްދޫޙުގެ އިތުރަށް ޖަމްޢިއްޔާގެ ހިންގުންތެރިންގެ ގޮތުގައި ހަރަކާތްތެރިވާ އިތުރު 9 ބޭފުޅުންނާއެކު ޖުމްލަ 22 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ނޫރުލްއިސްލާމް ޖަމްޢިއްޔާއަކީ 2010 ވަނަ އަހަރުން ފެށިގެން ، މިއަދާ ހަމައަށް އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެވެ.

އެކަން ފާހަގަކޮށް، އައްޑޫ އެވޯޑް 2016 ގައި ނޫރުލްއިސްލާމް ޖަމްޢިއްޔާއަށް ވަނީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ދެއްވައިފަ އެވެ.
ނޫރުލްއިސްލާމް ޖަމްޢިއްޔާ އިން ބުނީ އުއްމީދަކީ، މައްކާ ދަތުރުގެ ސަބަބުން ޖަމްޢިއްޔާގެ ދީނީ އިޖްތިމާޢީ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާވެ ފުޅާވެގެން ދިޔުމެވެ. އަދި އިސްލާމީ ޚިދުމަތުގައި އިތުރު އުސް ހަރުފަތްތައް ގިރާ ކުރަމުން ދިޔުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.