ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުގައި އިސްތިޢުނާފަށް ހުށަހަޅައިފި އެވެ.
ރައީސް ނަޝީދުގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވީ ހުޅުމާލޭ ކޯޓުން ރައީސް ނަޝީދުގެ މައްސަލާގައި އަމަލުކޮށްފައި ވަނީ އުސޫލުތަކާއި ޚިލާފަށް ކަމަށެވެ.
އެހެންވެ ކޯޓަށް ހާޒިރުވުމުގެ ޗިޓް ފޮނުވުމުން ކޯޓަށް ހާޒިރުވި ފަރާތަކާއި މެދު އަމަލު ކުރާގޮތަށް އަމަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންމެ ފަހުން އޮތް ޝަރީއަތަށް ހާޒިރު ނުވެވޭނެކަން ހުޅުމާލޭ ކޯޓަށް އަންގާފައިވާ ކަމަށާއި އެ އަޑު އެހުމަށް ވަޑައިނުގެންނެވުނީ އާލާސް ކަންފުޅާ އުޅުއްވާތީ ކަމަށާއި ޑޮކްޓަރުގެ ސެޓްފިކެޓް ވެސް ކޯޓަށް ހުށައަޅާފައި ވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
މީގެ ކުރިން "ވައުދުގެ ދަތުރު" ގައި ގދ. ފަރެސްމާތޮޑާގައި ހުންނަވަނިކޮށް ފުލުހުން ގޮސް އެ މަނިކުފާނު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފައިވެ އެވެ.
އެމްޑީޕީން ބުނީ ރައީސް ނަޝީދުގެ ޝަރީޢަތް އިންސާފުން އެއްކިބާވެ، އާއްމު އުސޫލްތަކާ ޚިލާފްވެ އަދި ފުލުހުން އެ މަނިކުފާނު ހައްޔަރު ކުރުމަށް ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން އެމްޑީޕީއަށާއި އެ މަނިކުފާނަށް ތާޢީދު ކުރާ ހުރިހާ ފަރާތްތަކެއް ގ. ކެނެރީގޭ ކުރިމައްޗަށް އެއްވުމަށް އެދޭ ކަމަށެވެ.