ފޭދޫގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމެއް ޒުވާނުން ނުކުރުމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ދީދީ (އައިބީ) އެދިވަޑައިގެންފިއެވެ.
އައިބީ މިގޮތަށް ވިދާޅުވީ ފާއިތުވި ހުކުރު ދުވަހުގެ ރޭ ފޭދޫ އެމްޑީޕީ ޖަގަހައިގެ ތެރެއަށް ގްރޫޕަކުން ވަދެ ހިންގި މާރާމާރީ އާއި ގުޅޭ ގޮތުން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުންނެވެ.
އައިބީ ވިދާޅުވި ގޮތުގައި ފޭދޫގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީ ކުށްވެރި ކުރައްވާ ކަމަށާއި އެކަމާއި ހިތާމަ ކުރައްވާ ކަމަށެވެ.
"ޤާނޫނާއި ޚިލާފަށް ކުރާ ކޮންމެ ކަމަކާއި ވެސް ދެކޮޅު. އެ މާރާމާރި އަޅުގަނޑު ކުށްވެރިކުރަން، އަދި އެކަމާއި ވަރަށް ހިތާމަކުރަން." ބެންގަލޫރުގައި ހުންނަވައިގެން 'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވިއެވެ.
އެމްޑީޕީ އޮފީހަށް ވަދެ ގްރޫޕަކުން ހިންގި މާރާމާރީ އާއި އައިބީ އާއި ގުޅުވައި ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުންދާތީ އެކަމަށް ވެސް އައިބީ ވަނީ ރައްދު ދެއްވާފައެވެ.
އައިބީ ވިދާޅުވި ގޮތުގައި، ހުކުރު ދުވަހުގެ ރޭ މާރާމާރީ ހިންގި ކަމަށް ބުނާ ގްރޫޕްގެ ކުދިން މީގެ ކުރިން އުޅެފައި ވަނީ އެމްޑީޕީގެ ކެމްޕެއިނުގައި ކަމާއި އަދި ފޭދޫ ދާއިރާގެ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މުހަައްމަދު ނިހާދުގެ ފަހަތުގައި ކަން ފޭދޫގެ ހުރިހާ ރައްޔިތުންނަށް އެނގޭ ކަމަށެވެ.
"މާރާމާރީ ހިންގި ކަމަށް ބުނާ ގްރޫޕްގެ ޒުވާނުން ކުރިން އުޅުނީ އެމްޑީޕީ ހަރަކާތްތަކުގައި ފޭދޫގެ އެންމެންނަށް ވެސް އެނގޭ. އޭރު ވެސް ގޯސް ކަންތައްތަކެއް ހިނގި. އެދުވަހު އެމީހުން (އެމްޑީޕީ) އިން ޒިންމާ ނަގަން ނުޖެހޭ. މިއަދު އެޒުވާނުން ޔާމީންގެ ސަރުކާރަށް ތާއީދު ކުުރުމަކީ، އެމީހުން ކުރާ ހުރިހާ ގޯސްކަމެއް އަޅުގަނޑާ ނުވަތަ ޕީޕީއެމްއާއި ގުޅުވޭނެ ކަމެއް ނޫން"
ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ކުރައްވާ ކަމަކީ، އިސްލާހުވެގެން މުޖްތަމައުއަށް އަންނަން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ހޯދައި ދިނުން ކަމަށާއި އެއީ އެއްވެސް ހާލެއްގައި ޒުވާނުން ކުށްތަކަށް އެރުމަށް ހިތްވަރު ދިނުން ނޫން ކަމަށް އައިބީ ވިދާޅުވިއެވެ.
އައިބީ މިގޮތަށް ވިދާޅުވި ނަމަވެސް، އެމްޑީޕީއަށް ތާއީދުކުރާ ފޭދުގެ ރައްޔިތުން ބުނާގޮތުގައި، އެމްޑީޕީ ޖަގަހައަށް ވަދެ މާރާމާރީ ހިންގި މީހުންގެ ބަސްމަގު ހުރި ގޮތުން، އެމީހުން އައީ ސިޔާސީ މީހެއްގެ އޯޑަރަށް ކަން އެނގޭ ކަމަށެވެ.
" ޖަގަހައަށް ދެ މީހަކު ވަދެ، މިރާ އާއި ނިހާދު ކޮބައިތޯ އަހައި ތަނުގައި ހުރި އެއްޗިއްސަށް ގެއްލުން ދިނީ. އޮފީހުގައި އެވަގުތު ހުރި މީހާގެ ގައިގައި ތަޅައިގަނެފައި ދެން ގޮސް މިރާގެ ބައްޕަގެ ގައިގައި ތަޅައިގަތީ. އެތަނުން ޕޮލިހުން އައިސް ހައްޔަރު ކުރަން އުޅުނީމާ ސީދާ މިބުނަނީ ހައްޔަރު ނުކުރެވޭނެ ކަމަށާއި ހައްޔަރު ކުރިނަމަވެސް ނިކުންނާނެ ކަމަށް. އެހެންވީމާ ވަރަށް ސާފު ދެއްތޯ؟ ކިހިނެތް ކަން މިވަނީ" ފޭދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފޭދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ގްރޫޕަކުން ވަދެ އެތަނުގައި ތިބި ބަޔަކާ މާރާމާރީ ހިންގި މައްސަލައި ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގް ކުރަމުން ގެންދާއިރު އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.