ބާސެލޯނާއިން މިސީޒަނުގެ ޗެމްޕިއަންސް ލީގު ނޮކް-އައުޓް ސްޓޭޖުގެ ދެވަނަ ލެގުގައި 1-6 އިން ޕީއެސްޖީ ބަލިކޮށް ހޯދި ތާރީޚީ ކާމިޔާބު ގަބޫލުނުކޮށް މެޗު އަލުން ކުޅުމަށް އެއް ލައްކަ މީހުން ޕެޓިޝަނެއް ހަދައި ސޮއިކޮށްފިއެވެ.
ފުރަތަމަ ލެގުގައި 0-4 އިން ބަލިވެ ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބީ ދެވަނަ ލެގު ކޮންމެ ގޮތަކަށް ދިޔަޔަސް ޕީއެސްޖީ އޮތީ ކުއާޓާއަށް ކޮލިފައިވެފައެވެ. ނަމަވެސް ދުނިޔެ ސިއްސުވާލައި ބާސާ ވަނީ އެމެޗުގައި ހަ ލަނޑު ޖަހާފައެވެ.
ބާސާއިން ޖެހި ހަ ގޯލުގެ ތެރެއިން ދެ ގޯލު ޖެހުމަށް ހޯދި ޕެނަލްޓީއަކީ ސައްހަ ޕެނަލްޓީއެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވަނިކޮށް ޔުއެފާގެ ރެފްރީންނާއި ބެހޭ ޕެނަލުން ވަނީ މިހާރު މެޗު ބެލެހެއްޓި ރެފްރީ ޑެނިޒް އައިޓްކިން މެޗުގައި ގޯސް ނިންމުން ތަކެއް ނިންމާފައިވާ ކަމަށް ކަނޑައަޅައި އަދަބު ދޭން ނިންމާފައެވެ.
ޕީއެސްޖީ ސަޕޯޓަރަކު ވަނީ ރެފްރީގެ ނިންމުތަކާއި މެދު ނުރުހުން ވެގެން ޗޭންޖް.އޯރގް އަށް މެޗު އަލުން ނޫ ކޭމްޕުގައި ކުޅުމަށް ޕެޓިޝަނެއް ހުށައަޅާފައެވެ. އަންހެނުންގެ ހައްގުތަކާއި ރެފިއުޖީންނާއި ހަނގުރާމަ ފަދަ ކަންކަމުގައި ޕެޓިޝަންތައް ހުށައަޅާ ޗޭންޖް އިން ވަނީ މި ޕެޓިޝަން ގަބޫލުކޮށްފައެވެ.
ޕެޓިޝަނުގައި އޮންލައިންކޮށް ސޮއި ކުރި މީހުންގެ އަދަދު ވަނީ މިހާރު 150،000 އަށް ވުރެ މަތީގައެވެ. މެޗެއްގައި ރެފްރީން ގޯސް ހެދި ނަމަވެސް މެޗު އަލުން ކުޅުމަކީ ނާޛިރު ކަމެކެވެ. މީގެ ކުރިންވެސް ރެފްރީގެ ނިންމުންތައް ގޯސްވެގެން މެޗަށްފަހު ވަނީ ރެފްރީންނަށް އަދަބު ދެވިފައެވެ.