ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދު މިމަހުގެ 18 ވަނަ ދުވަހު ރާއްޖެ ވަޑައިގަންންނަވާނެކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
އޭޝިއާގެ ފަސް ގައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްގެފާނު ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރާއި އެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
459 މެޓްރިކް ޓަނުގެ މުދަލާއި 25 ޕްރިންސުންނާއި 10 މިނިސްޓަރުން އަދި އިތުރު 1500 މީހުންނާއި އެކު ދަތުރު ފައްޓަވާފައިވާ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާނީ ޗައިނާއަށް ވަޑައިގަތުމަށްފަހުއެވެ.
ސަޢޫދީ ރަސްގެފާނުގެ މި ދަތުރުފުޅަކީ ރަސްމީ ގިނަ ޢަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކުރެވިގެންދާނެ ދަތުރުފުޅެއް ކަމަށް ސަޢޫދީ ގެޒެޓުން ރިޕޯޓްކޮށްފައިވެއެވެ. އެހެންކަމުން ރަސްގެފާނު ދިވެހިރާއްޖެއަށް ކުރައްވާ މިދަތުފުޅަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައިއޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް ރަސްމީ އިއްޒަތް އެރުވުމުގެ ގޮތުން އިއްޒަތްދީން ފާލަން ސަރަހައްދު ރީތި ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަނިކުފާން ރާއްޖެ ވަޑައިގަތުމުގެ ކުރިން ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އެގައުމުގެ މަނަވަރެއް ރާއްޖެ އައިސްފައިވާއިރު ގިނަ އަދަދެއްގެ ސައުދީ ނޫސްވެރިންވެސް ވަނީ ރާއްޖެ އައިސްފައެވެ.
ސައުދީ ރަސްގެފާން ރާއްޖެ ވަޑައިގަންނަވާ އިރު ބޭރު ދުނިޔޭގެ މީޑިއާ ތަކުގެ ސަމާލުކަމަށްވެސް ދަތުރުފުޅަށް ވަނީ އަމާޒުވެފައެވެ. ފ އަތޮޅު ސައުދީ ޝާހީ އާއިލާއަށް ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވުމާއި ގުޅިގެން ދިނިޔޭގެ ނަޒަރު މިދަތުރުފުޅަށްވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.
ފ އަތޮޅު ވިއްކާލަން އުޅޭ ވާހަކަ ގަދަވެފައިވަނިކޮށް ސައުދީ އެމްބަސީން ވަނީ ސައުދީ ސަރުކާރުން ރާއްޖޭގެ އެއްވެސް ރަށެއް އަދި އަތޮޅެއް ގަންނަން ނޫޅޭކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް އިންވެސްޓްމަންޓެއް ސައުދީން ރާއްޖޭގައި ކުރުމަށް ރާވާފައިނުވާކަމަށް ވިދާޅުވެފައެވެ.
ސައުދީ ރަސްގެފާނު ރާއްޖެ ކުރައްވާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އެކު ބާއްވާ ރަސްމީ ވާހަކަތަކަށްފަހު އެމަނިކުފާން ރާއްޖޭގައި ކުޑަ ޗުއްޓީއެއް ހޭދަކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.