Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލު ކުރަން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލޯގޯ (ކ) ބަދަލުކުރަން އެންގީ ރައީސުލްޖުމްހޫރިއްޔާގެ ދިދަޔާ އެއްގޮތް ކަންތައްތަކެއް ހުރުމުން.

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ދިދަ ބަދަލުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޕާޓީއަށް އަންގައިފިއެވެ.

ޕާޓީގެ ދިދަ ބަދަލު ކުރުމަށް ޖޭޕީއަށް އީސީ އިން އެންގުމާއި ގުޅިގެން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ އެ އެންގުން އެންގީ ޤާނޫނީ އެއްވެސް ބާރެއް އޮވެގެން ނޫން ކަމަށެވެ.

ސަމީރު ވިދާޅުވި ގޮތުގައި ވަކި ސިޔާސީ ޕާޓީއެއްގެ ދިދަ ބަދަލުކުރަން އެންގުމުގެ ބާރެއް އީސީގެ ޤާނޫނާއި ސިޔާސީ ޕާޓީތަކުގެ ޤާނޫނުން ވެސް އެ ކޮމިޝަނަށް ލިބިގެނެއް ނުވެއެވެ.

އަދި ޖުމްހޫރީ ޕާޓީގެ ދިދައަކީ ސިޔާސީ ޕާޓީތަކުގެ ޤަވާއިދުގެ ދަށުން އެ ޕާޓީ ރަޖިސްޓްރީ ކުރި އިރު ސަރުކާރުގެ ކަމާއިބެހޭ އިދާރާގައި ރަޖިސްޓްރީ ކޮށްފައިވާ ދިދައެއް ކަމަށާއި، ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް އެ ދިދަ ބަދަލު ކުރަން އަންގާފައި ނުވާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ދިދައާއި ވައްތަރުވެގެން ޖޭޕީގެ ދިދަ ބަދަލުކުރަން ޖެހޭނަމަ، އިސްކަންދަރު ސްކޫލްގެ ލޯގޯވެސް ބަދަލު ކުރަން އަންގަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދިދަ ބަދަލު ކުރެވޭނީ އެ ޕާޓީއެއްގެ ޤައުމީ ޖަލްސާ އިން އާންމު މެމްބަރުންގެ ވޯޓާއި އެކު ފާސްކޮށްގެން ކަމަށް ސަމީރު ވިދާޅުވި ކަމަށް ސަން އޮންލައިން އިން ރިޕޯޓް ކުރެއެވެ. ސަމީރު އިތުރަށް ވިދާޅުވި ގޮތުގައި އެއީ ސަރުކާރުގެ އިދާރާއަކުން އަންގައިގެން ކުރަންޖެހޭ ކަހަލަ ކަމެއް ނޫނެވެ.

ސަމީރު ވިދާޅުވީ އީސީގެ އެންގުމާއިމެދު ޖޭޕީގެ ޤައުމީ ހިންގާ ކޮމެޓީ އިން ފަހުން ނިންމުމެއް ނިންމާނެއެވެ.ޖު