ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ގުޅުންހުރި ގިނަ އަދަދެއްގެ ސޯޝަލް މީޑިއާ އެކައުންޓްތަކެއް ހެކްކުރި މައްސަލަ ތަހުޤީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޕީއެސްއެމްގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޕީއެސްއެމްގެ އޮފިޝަލުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކް ކޮށްފައި ވާތީ އެމައްސަލަ ތަހުޤީގު ކުރަން ފުލުހުން ފަށާފައިވާ ކަމަށެވެ.
Police launch probe into alleged @psm_mkt official social media accounts & PSM official's social media account hacking.
— Maldives Police (@PoliceMv) March 12, 2017
ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި ހެކް ކޮށްފައި ވަނީ ޕީއެސްއެމްގެ ފޭސްބުކް ޕޭކްތަކެކެވެ. ހެކް ކޮށްފައިވާ ޕޭޖްތަކުގެ ތެރޭގައި މޯލްޑިވިއަން އައިޑޯލްގެ ފޭސްބުކް ޕޭޖްގެ އިތުރުން ޕީއެސްއެމް ފޭސްބުކް ޕޭޖް އާއި ޓީވީއެމްގެ ފޭސްބުކް ޕޭޖްވެސް ހިމެނެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ ކަމަށްވާ އައިމިނަތު ޝާޔާން ޝާހިދުގެ ފޭސްބުކް އެކައުންޓް އާއި ޓީވީއެމް ގެ ހެޑް މުހައްމަދު ނިޔާޒުގެ އަމިއްލަ ފޭސްބުކް އެކައުންޓް ވެސް ވަނީ ހެކް ކޮށްފައެވެ.
މީގެ އިތުރުންވެސް މޯލްޑިވިއަން އައިޑޯލްގެ ބައެއް ބައިވެރިންގެ ފޭސްބުކް ޕޭޖްތައްވެސް ހެކް ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އޭގެއިން އެއްވެސް ޕޭޖެއް ހެކް ކުރި ފަރާތަކުން އަޕްޑޭޓް ކުރި ކަމުގެ ޚަބަރެއް އަދި ލިބިފައި ނުވިނަމަވެސް، ބައެއް ޕޭޖްތަކުގެ ނަން ވަނީ ބަދަލު ކޮށްފައެވެ.