Last Updated: June 30, 13:05
Tuesday, June 30, 2026
ޚަބަރު

މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް

ދައުލަތުގެ ޓެކްސް އިދާރާ - ފޮޓޯ: މީރާ

ރާއްޖެއަށް އާމްދަނީގެ ގޮތުގައި މިދިޔަ މަހު އެއް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ ކަމަށްވާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މިއީ މީރާ އިން މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 15.2 އިންސައްތަ އިތުރު އަދަދެކެވެ. އެހެން ނަމަވެސް މިއީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ އަދަދަށްވުރެ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީ އިތުރުވެފައި ވަނީ އިކުއިޒިޝަން ކޮސްޓާއި ކޮންވާޝަން ފީގެ އިތުރުން ލީސް ޕީރިއަށް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު އިތުރުވުމުން ކަމަށް މީރާ އިން ބުނެއެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ އެވެ. މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 628 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ކަމަށްވާ ބީޕީޓީ އިންނެވެ. އެގޮތުން ބީޕީޓީގެ ގޮތުގައި މިދިޔަ މަހު 137 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ 64 މިލިއަން ރުފިޔާ އެވެ. އަދި އެއާޕޯޓްސް ސާވިސް ޗާޖުގެ ގޮތުގައި ލިބިފައި ވަނީ 45 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ލޭންޑް އިކުއިޒިޝަން އާއި ކޮންވާޝަން ފީގެ ގޮތުގައި 24 މިލިއަން ރުފިޔާ ލިބުނުއިރު، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައި ވަނީ 94 މިލިއަން ރުފިޔާ ކަމަށް މީރާ އިން ބުނެއެވެ.

މިދިޔަ މަހު ދައުލަތުގެ ޓެކްސް އިދާރާ ކަމަށްވާ މީރާ އަށް ލިބުނު އާމްދަނީގެ ތެރޭގައި 42 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.