ބޮކްސް އޮފީހުގައި 2.788 ބިލިއަން ޑޮލަރުގެ ބޮޑު ފައިދާއެއް ހޯދި މަޝްހޫރު ބްލޮކްބަސްޓާ ފިލްމް ކަމަށްވާ "އެވޭޓާ" ގެ ދެވަނަ ބައި ރިލީޒް ކުރާ ތާރީޚް ފަސްކޮށްފިއެވެ.
އެންމެ ކުރިން 2016 ވަނަ އަހަރު ރިލީޒް ކުރާ ގޮތަށް ހަމަޖެހިފައި އޮތް އެފިލްމް ފަހުން 2017 ވަނަ އަހަރުގެ ކްރިސްމަސް އަށް ލަސްކުރެވިގެން ދިޔައެވެ. އަދި މިހާރު "އެވޭޓާ 2" ރިލީޒް ކުރެވޭނީ 2019 ވަނަ އަހަރު ކަމަށް އެފިލްމްގެ ޑައިރެކްޓަރު ކަމަށްވާ ޖޭމްސް ކެމެރަން ބުނެއެވެ.
ފިލްމްގެ ރިލީޒް ޑޭޓް އަދި ހާމަކޮށްފައި ނުވިނަމަވެސް، ފިލްމްގެ ސްކްރީންޕްލޭ ލިޔެ ޝޫޓިން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ފިލްމްގެ ކެމެރާމަން ބުނެއެވެ.
ފިލްމް ލަސްވާ އެންމެ ބޮޑު ސަބަބަކީ "އެވޭޓާ 2" ގެ އިތުރުން އެފިލްމްގެ ތިންވަނަ ބަޔާއި ހަތަރުވަނަ އަދި ފަސްވަނަ ބައިގެ މަސައްކަތްތައް ވެސް ކުރިއަށް ދާތީ ކަމަށް ކެމެރާމަން ބުނެއެވެ.
"އެވޭޓާ 2" ގެ ޑައިރެކްޓަރު ބުނެފައިވާ ގޮތުގައި އޭނާ ބޭނުންވަނީ ބެލުންތެރިންނާއި ހަމައަށް ވަރަށް ރީތި އަދި ތަފާތު ފިލްމެއް ގެނެސްދިނުމަށް ކަމަށެވެ. "އެވޭޓާ" ފްރެންޗައިޒްގައި ކުރިއަށް ހުރި ފިލްމްތަކުން ވެސް ފުރަތަމަ ފިލްމުން ފެނިގެންދިޔަ ފަދަ އާދަޔާއި ޚިލާފު އެތަކެއް ކަމެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ބުނެއެވެ.