Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ސަމާލުވޭ، ސްވައިން ފްލޫ އެބަ ފެތުރޭ

ސްވައިން ފްލޫ ނުވަތަ އޫރު ރޯގާ ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު މި ދުވަސްވަރު ރާއްޖޭގައި އިތުރުވެފައިވާ ކަމަށާއި އޭގެ ތެރެރެއިން ބައެއް މީހުން ސްވައިން ފްލޫ (އެޗް1އެން1) އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެއިން ފެނިފައިވާ އެޗްވަންއެންވަން ރޯގާގެ ބާވަތަކީ އެހާ ނުރައްކާތެރި ރޯގާއެއް ނޫންކަމަށާ ނަމަވެސް މިއީ ވަރަށް ފަސޭހައިން ފެތެރޭ ރޯގާއެއްކަމުން ހުރިހާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްވައިން ފްލޫ އަށް މާލެއިން މިހާތަނަށް 19 ފަރާތަކުން ވަނީ ޕޮޒިޓިވް ވެފައެވެ. އެހެން ނަމަވެސް އަތޮޅު ތެރޭގައި ސްވައިން ފްލޫގެ އެއްވެސް ކޭސް އެއް ރިޕޯޓް ކުރިކަމެއް އެނގިފައެއް ނުވެއެވެ.

އެޗްޕީއޭ އިން ބުނީ ސްވައިން ފްލޫގެ ކޭސްތައް މިހާރު ފެންނަމުން ދަނީ އެކަމަށް ހާއްސަކޮށް ޓެސްޓުތައް ކުރަމުން އަންނާތީ ކަމަށާއި ބަލި ކޮންޓްރޯލް ކުރުމަށް، ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅިގެން، ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

ސްވައިން ފްލޫގެ އަލާމާތްތައް ހަމަ އާދައިގެ ރޯގާއެއްގެ އަލާމާތްތަކާ ދާދި އެއްގޮތެވެ. އެއީ، ކެއްސުން، ހުން އައުން، ކަރުގައި ރިއްސުން، ނޭފަތުން ފެން އައުން ނުވަތަ ނޭފަތް ބެދުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ހީކެރުވުން އަދި ވަރުދެރަވުމެވެ.