Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

އިސްމެހެލާ ހެރަ ޕްރޮޖެކްޓް ނުފެށި 685 ދުވަސް، އައްދުއަށް އަދިވެސް ޔަގީންކަން އެބައޮތް!

ޕީޕީއެމް އަށް ސޮއިކުރުމަށް ފަަހު އަލީ މުހައްމަދު ވާހަކަ ދައްކަވަނީ . ފޮޓޯ: ވަގުތު

2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ސަރުކާރުން އައްޑޫ ސިޓީގެ އިސްމެހެލާ ހެރަ ފަތުރުވެރިކަމަށް ތަރައްޤީކުރުމުގެ ހާއްސަ ޕްރޮޖެކްޓެއް އިއުލާންކުރިތާ މިއަދަށް 685 ދުވަސް ވާނެއެވެ.

މިހާތަނަށް އެ ޕްރޮޖްކްޓް ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިފައި ނުވާއިރު، އެކަމާއި ބެހޭގޮތުން ދޭތެރެއަކުން މީޑިޔާގައި ޓޫރިޒަމް މިނިސްޓަރު ވިދާޅުވާ ވާހަކަ ފިޔަވައި، އިތުރު ވާހަކައެއް ރައްޔިތުންނަކަށް އެނގިފައެއް ނުވެއެވެ. އައްޑޫގެ ގިނަ ބަޔަކު އިސްމެހެލާ ހެރައިގެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނަމަވެސް، ހުޅުދޫ ދާއިރާގެ ކައުންސިލަރ އަލީ މުހައްމަދު (އައްދު) އަދިވެސް ހުންނެވީ އެ ޕްރޮޖްކްޓް ކުރިއަށް ދާނެ ކަމުގެ އުއްމީދުގައެވެ.

އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމަކީ، ކައުންސިލަރ ކަމަށް އައްދު ހޮވުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. ކަމުގައިވާ އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ ވައުދު ހަޤީޤަތަކަށް ހެދުމެވެ.

އެމްޑީޕީ ދޫކޮށް ޕީޕީއެމް އަށް ސޮއި ކުރެއްވި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ވެސް އަލީ މުހައްމަދު ފާހަގަކޮށްފައި ވަނީ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އިސްމެހެލާ ހެރަ ރިސޯޓަކަށް ހެދުމުގެ ވައުދު ހަޤީޤަތަކަށް ހެދުމެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން އައްދު ވިދާޅުވީ، އިސްމެހެލާ ހެރަ ޕްރޮޖެކްޓް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޔަގީން ކަމާއި އެކު އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ ބަޔަކާއި ހަވާލު ކުރުމަށް. އަޅުގަނޑު އަބަދުވެސް މިދަނީ އެ ޕްރޮޖެކްޓްގެ ފޮލޯ އަޕް ހަދަމުން. މިނިސްޓްރ ވެސް ވަރަށް ޕޮޒިޓިވްކޮށް ހުންނެވީ އެ ޕްރޮޖެކްޓާއި މެދު"

އައްދު ވިދާޅުވި ގޮތުގައި އައްޑޫ އަށް ނިސްބަތްވާ ދެ ފަރާތަކުން ވެސް އިސްމެހެލާ ހެރަ ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ފަރާތްތަކެއް ކަމެއް އައްދު ހާމަކޮށްފައެއް ނުވެއެވެ.

މިހާރުގެ ޓޫރިޒަމް މިިނިސްޓަރ ޒަމީރު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އައްޑޫއަށް ވަޑައިގެން މަހެއް ހާ ދުވަހުގެ ތެރޭގައި " އިސްމެހެލާ މަޝްރޫޢު މޮބިލައިޒް ކުރާނެ" ކަމުގެ ޔަޤީންކަން ދެއްވިއެވެ.

އެހެން ނަމަވެސް މިއަދާއި ހަމައަށް ވެސް އިސްމެހެލާ ހެރަަ ޕްރޮޖެކްޓް ކޮންޓްރެކްޓަރަކާއި ހަވާލުކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.