Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޕީޕީއެމްގެ ޓިކެޓަށް ވޯޓުދިނުމަކީ ދީނީ ވާޖިބެއް: ޢަބްދުއްރަޙީމް

ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ދީނީ ވާޖިބެއް ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ޕީޕީއެމްގެ ޓިކެޓަށް ވޯޓު ދިނުމަކީ، ރައްޔިތުންގެ މައްޗަށް އޮތް ޤައުމީ އަދި ދީނީ ވާޖިބެއް ކަމަށެވެ.

"ޕީޕީއެމްގެ ޓިކެޓަށް ވޯޓު ދެއްވުމަކީ ދިވެހިރައްޔިތުންގެ މައްޗަށްއޮތް ޤައުމީ، ދީނީ ވާޖިބެއް. ހަމަ އެކަނި ޤައުމީ ވާޖިބެއްނޫން، މިއީ ދީނީ ވާޖިބެއް"

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވެފައި، ވެރިއަކަށް ހުންނެވި ބޭފުޅާ އިސްލާމީ އުޞޫލުތަކާއި، ރާއްޖޭގޭ ޤާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ކުރައްވާހާ ހިނދަކު ވެރިކަން ދެމެހެއްޓުމަކީ ރައްޔިތުންގެ މައްޗަށްއޮތް ދީނީ އަދި ވާޖިބަކަށް ވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ މުސްތަގްބަލަކީ ޕީޕީއެމް ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީއެއް ލިބޭނީ ޕީޕީއެމްގެ ސަރުކާރެއް ގާއިމް ކުރެވިގެން ކަމަށެވެ.