އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލާއެކު ސިނގިރޭޓާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރުމުން ސަރުކާރަށް ލިބުނު އާމްދަނީ %94 އިތުރުވެއްޖެއެވެ.
މިދިޔަ އަހަރު ފެބްރުއަރީ މަހު ކަސްޓަމަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 171 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ ވަނީ 333 މިލިއަނަށް އިތުރުވެފައެވެ.
އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ މިހާ ބޮޑުތަން އިތުރުވެފައިވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު ބަދަލާއެކު ސިނގިރޭޓު އެތެރެ ކުރި ނިސްބަތް އިތުރުވެގެންނެވެ.
މީގެ އިތުރުން މިއަހަރު ވަނީ އެކްސްޕޯޓް ކުރެވުނު މިންވަރުވެސް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު 334 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކޮށްފައިވާއިރު މިއަހަރު ވަނީ އެއަދަދު 373 މިލިއަނަށް އިތުރުވެފައެވެ. މިއީ %12 ގެ ކުރިއެރުމެކެވެ.
އެނާޖީ ޑްރިންކާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމުން ސަރުކާރަށް ލިބޭ އާމްދަނީ ބޮޑުތަން އިތުރުވާނެ ކަމަށް ލަފާކުރެވިފައިވާއިރު ފިހާރަތަކުން ވަނީ ސްޓޮކް ހުސްވުމުގެ ކުރިން ސިނގިރޭޓާއި އެނާޖީ ޑްރިންކުން އަގު ބޮޑުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.