ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަބްދުލް ޣަފޫރު ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ކޮންކްރީޓް ހޮހޮޅައެއްގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ދެއްކެވި ވާހަކަ ހިއުމަން ރައިޓްސް ކޮމިޝަނުން ދޮގުކޮށްފިއެވެ.
އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓު ނެރުމުގެ ޖަލްސާގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮމިޝަނުގެ ނައިބު ރައީސް ޝިފާގް މުފީދު ވިދާޅުވެފައިވަނީ ހޮހޮޅައެއްގައި އަދީބު ބާއްވާފައި އޮތް ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަން ވިދާޅުވާން ކެރޭ ކަމަށެވެ.
މަހްލޫފްގެ ބަސް އެޗްއާރްސީއެމް އިން ދޮގުކުރި ނަމަވެސް އެމައްސަލައާ ބެހޭގޮތުން ތަހުގީގެއް ހިންގާފައިވާ ކަމަށް މައުލޫމާތު ލިބިފައެއް ނުވެއެވެ. ޝިފާގު ވިދާޅުވެފައިވަނީ އެފަދަ ކަންތައްތަކަކީ ވަކި ވަކި މައްސަލަތަކުގެ ގޮތުގައި ފީނައިގަންނަން ދަތި ކަންތައް ކަމަށާއި އެހެން ނަމަވެސް ވަރަށް ޔަގީން ކަމާއެކު އެއީ ދޮގެއް ކަން ބުނަން އެނގޭ ކަމަށެވެ.
މަހްލޫފް ނެރުނު ނޫސްބަޔާނުގައި ވަނީ ޖަލުގައި ގައިދީންނާއި ދޭތެރޭ އިންސާނީ ކަރާމާތަށް ބުރޫ އަރާގޮތަށް ކަންތައް ވަމުން ދާ ކަމަށާއި ގައިދީން ފާސްކުރުމުގައި ބޭނުންކުރަންވީ އެންމެ ރަނގަޅު އުސޫލުތައް ޖަލުތަކުގައި ބޭނުން ކުރެވެމުން ނުދާ ކަމަށް ފާހަގަކޮށްފައިވެއެވެ.