ޗެމްޕިއަންސް ލީގު ތާރީޚުގައި ފެނުނު އެންމެ އާދަޔާ ޚިލާފު އެއް އެނބުރި އައުން ބާސާ ރެކޯޑު ކޮށް ޖެހިގައި އައި މެޗުގައި ޑިޕޯޓިވޯ ލަ ކްރޫނޯ އަތުން ބަލިވެ ލީގު ތާވަލުގެ ދެވަނައަށް އެނބުރި ވެއްޓިއްޖެއެވެ.
ޕީއެސްޖީއާއި ދެކޮޅަށް ލުއިސް އެންރީކޭ ބޭނުންކުރި ފޯމޭޝަން ރޭގެ މެޗުގައިވެސް ބޭނުންކޮށްފައިވާއިރު ބައެއް ތަރިންނަށް ވަނީ ރޭގެ މެޗުގައި ރެސްޓެއް ދީފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެފައިވަނީ 1-2 އިން ބާސާ ބަލިވެގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު 40 ވަނަ މިނެޓުގައި ޑިޕޯޓިވޯ އިން ޖަހާފައިވާއިރު ބާސާ އިން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގެ ފުރަތަމަ މިިނެޓުތެރޭގައެވެ. ސުއަރޭޒްގެ މިގޯލަށް ފަހު ބާސާއަށް މެޗު ލީޑު ނެގިފައެއް ނުވެއެވެ.
ޑިޕޯޓިވޯއިން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގާފައިވަނީ 74 ވަނަ މިނެޓުގައި ބާގަނިންޓޮސް ޖެހި ގޯލަކާއެކުގައެވެ. ރޭގެ މެޗުން ބާސާ ބަލިވެ ލިބުނު ފައިދާގެ ބޭނުން ރިއަލް އިން ވަނީ ހިފާފައެވެ.
ރިއަލް މެޑްރިޑުން ވަނީ ބެޓިސްއާއި ބައްދަލުކުރި މެޗު ފަހަތުން އަރައި 1-2 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ ކުރީކޮޅު ބެޓިސް އިން ނެގި ލީޑު އެއްވަރުކޮށްފައިވަނީ ރޮނާލްޑޯއެވެ. ރިއަލްއަށް މޮޅުވި ގޯލު ޖަހާދީފައިވަނީ ކެޕްޓަން ރާމޮސް އެވެ.
މިނަތީޖާތަކާއެކު ރިއަލް އެއްވަނައިގައި އޮތީ 62 ޕޮއިންޓާއެކުއެވެ. ބާސާ އަށް ލިބިފައިވަނީ 60 ޕޮއިންޓެވެ. ތިންވަނައިގައި ސެވީއާ އޮތީ 57 ޕޮއިންޓު ލިބިގެންނެވެ.