Last Updated: June 11, 22:21
Thursday, June 11, 2026
ސިޔާސީ

ޕާލިމެންޓްރީ ގްރޫޕްގެ ދަތުރު ފަސްކޮށްފި

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިސް ނަގައިގެން ރާއްޖޭގެ އެކި އެކި ދާއިރާތަކަށް ކުރަން ހަމަޖެއްސި ދަތުރު ކުއްލިގޮތަކަށް ފަސްކޮށްފި އެވެ.

މިއަދު ފެއްޓެވުމަށް ހަމަޖެހިފައިވާ ދަތުރު ފަސް ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހުޅުމާލޭ ކޯޓުން އަމުރު ކުރުމާ ގުޅިގެން ކަމަށް ޕާލިމެންޓްރީ ގްރޫޕުން ބުންޏެވެ. އެމްޑީޕީން މެދު ދެކުނުގެ އަތޮޅަށް ބާއްވާ "ވަައުދުގެ ދަތުރު" ވެސް ނަޝީދުގެ ޝަރީއަތާ ގުޅިގެން އެތައް ފަހަރަކު ވަނީ ލަސްކޮށްފަ އެވެ.

މި ދަތުރުގައި މި ޕާޓިގެ ހަރަކާތްތަކެއް ލ. އަތޮޅުގެ ރައްތަކުގައި ކުރިޔަށް ގެންދާ ގޮތަށް އޮތީ ހަމަޖައްސާފަ އެވެ. މިގޮތުން ރަށް ރަށުގެ ރައްޔިތުންނާ ބައްދަލު ކުރުމާއި، ޕާޓީއަށް މެމްބަރުން އިތުރުކުރުމާއި، އާއްމު ޖަލްސާތައް ބޭއްވުމާ، ދާއިރާތަކުގެ އިސްވެރިންނާ ބައްދަލު ކުރުމާއި އަދި ކައުންސިލަރުންނާ ބައްދަލު ކުރުން ވެސް ކުރިއަށް ގެންދާނެ އެވެ.

މި ދަތަރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޓީމުގެ އިސް ބޭފުޅަކަށް ހުންނަވާނީ ޕާޓީގެ ޗެއަޕާސަން ރީކޯ މޫސާ މަނިކު އެވެ. އަދި މީގެ އިތުރުން ޕާލިއަމަޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުޙައްމަދު ޞާލިޙާއި ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަޙީދުގެ އިތުރުން އިތުރު މެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އަދި ހަމަ މި ދަތުރުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙްމަދު އާ ދާއިރާ ރައީސުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.