Last Updated: July 27, 18:03
Monday, July 27, 2026
ރިޕޯޓް

ޕީޕީއެމް ވަފުދާ އެކު އައްޑު އަށް ވައުދުގެ "ވާރޭ"

އިންތިޚާބުތަކާއި ދިމާކޮށް އަބަދުވެސް ރައްޔިތުންނަށް ތަފާތު އެކި ހުވަފެންތައް ދެއްކުމަކީ ސިޔާސީ ވެރިންގެ އާދައެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭ ބަޔަކީ އައްޑޫއަށް ނިސްބަތްވާ ރައްޔިތުންނެވެ.

އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް އައްޑޫއަށް ސަރުކާރުގެ އިސްވެރިންތަކެއް ހިމެނޭ ވަފްދެއް ވަޑައިގެން ޖޯޝާއި ފޯރީގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. އެބޭފުޅުން ބޭއްވި ފުރަތަމަ ޖަލްސާ، މިދިޔަ ހޮނިހިރު ދުވަހުގެ ރާ ބާއްވާފައިވާއިރު، އެޖަލްސާގައި އިވިގެން ދިޔައީ ގިނަ ވައުދުތަކެއްގެ ވާހަކައެވެ.

ކައުންސިލް އިންތިޚާބަށް އައްޑޫސިޓީން ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓުން ތަޢާރަފްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވިސްނުންފުޅަކީ ބޮޑެތި ޕްރޮޖެކްޓުތަކާއިއެކު އައްޑޫ ސިޓީ ތަރައްޤީކުރެއްވުންކަމަށެވެ.

އެހިސާބުން ނިންމަވާލެއްވީ އެއް ނޫނެވެ. ރާއްޖޭގައި އެންމެ ބޮޑެތި މަޝްރޫޢުތައް ހިންގޭނެ އެއް ސަރަޙައްދަކީ އައްޑު އަތޮޅުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރުގެ މުޅިން އާ ވަޢުދުތަކެއް!

ޝަރަފުއްދީން ސްކޫލްގައި އައްޑޫގައި ތިބި ޕީޕީއެމްގެ މެންބަރުންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވި ގޮތުގައި 60 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން ގަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫޢެއް ހިންގެވުމަށް ސަރުކާރުން ނިންމާއިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި އެ މަޝްރޫޢުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވުރެ ބޮޑު ރަންވޭއެއް ޤާއިމްކުރެވޭނެ ކަމަށެވެ.

އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަމީރު ވަނީ އެކަމަށްޓަކައި 3000 ޓޫރިސްޓް ބެޑް އައްޑޫގައި ތަރައްޤީކުރުމުގެ މަޝްރޫޢު ވަރަށް އަވަހަށް ފަށްޓަވާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް ވިދާޅުވިއެވެ.މިނިސްޓަރ ޒަމީރު މިހެން ވިދާޅުވެފައި ވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އައްޑޫގައި 5000 ޓޫރިސްޓް ބެޑް ތަރައްޤީ ކުރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

އަދި ޓޫރިސްޓް ހޮޓަލެއް އައްޑޫގައި ތަރައްޤީކުރުމަށް ނިންމަވާފައިވާކަމަށާއި އެމަޝްރޫޢުވެސް ވަރަށް އަވަހަށް ފަށްޓަވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ޒަމީރު ދެއްވިއެވެ.

ޖަރުމަންވިލާތުގެ ބަރލިންގައި ކުރިއަށްދާ އައިޓީބީ ބާރލިން ފެއަރގައި ޔޫރަޕްގެ ބޮޑެތި އެއަރލައިންތަކުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް ސީދާ ދަތުރުތައް ފެށުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ވެސް އައްޑޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.

އިންތިޚާބަކާއި ދިމާކޮށް އައްޑޫއަށް ވަޑައިގެންފި ނަމަ، ސިޔާސީ ފަރާތްތަކުން އަބަދުވެސް ބޮޑެތި ވައުދުތަކެއް ވެވަޑައިގަންނަވައެވެ. އެހެން ނަމަވެސް އޭގެ ފަހުން އެ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރާތަނެއް ނުފެނެއެވެ.

2013 ވަނަ އަހަރުން ފެށިގެން މުޅިން ވެސް އައްޑޫގެ ރައްޔިތުންނަށް ވައުދުތަކެއް ވެވަޑައިގަންނަވާ ތަނެވެ. އެ ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރެވުމަކީ، އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. އިންތިޚާބު ތަކުގައި ވޯޓު ހޯދުމަށް ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުން ވެސް މެއެވެ.